އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް ކަމަށްވާ މުމްބާއީއަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ މޭސްތިރީގެ ގޮތުގައި ސިފަކުރަމުން އަންނަ ހާފިޒު ސައީދާ އޭނާ ގާތުގައި އުޅޭ 12 މީހަކު ވަރަށް އަވަހަށް ހައްޔަރުކުރެވޭނެ ކަމަށް ޕާކިސްތާނުގެ ފުލުހުން ބުނެފިއެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ޓެރަރިޒަމްގެ އިތުރުން ކަޅުފައިސާ ދޮވުމުގެ ކުށުގެ ދައުވާ، ހާފިޒު ސައީދާ އޭނާއަށް އެއްބާރުލުން ދޭ 12 މީހެއްގެ މައްޗަށް އުފުލާފައެވެ.

ޕާކިސްތާނުގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ވަނީ މި 13 މީހުންނާ ދެކޮޅަށް 23 ދައުވާއެއް އުފުލާފައެވެ.

ޕާކިސްތާނު ސަރުކާރުގެ މަސްދަރަކާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ހާފިޒު ސައީދު މިވަގުތު ހުރީ ޕާކިސްތާނުގެ ލާހޯރުގެ ޖައުހަރު އަވަށުގައެވެ. އޭނާ ދިރިއުޅެމުންދާ ގެ ރެއިޑްކޮށް އޭނާ ހައްޔަރުނުކޮށް ކަމާބެހޭ ފަރާތްތަކުން މަޑުކޮށްގެން އަދިވެސް ތިބީ ޕާކިސްތާނު ސަރުކާރުގެ ފެހި ސިގުނަލުގެ އިންތިޒާރުގައި ކަމަށް ޚަބަރުތައް ބުނެއެވެ.