ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާ ކުއްލި ގޮތަކަށް ނިޔާ ވެއްޖެއެވެ.

ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ނިޔާ ވެފައި ވަނީ މިއަދު އެވެ. ޖޭއެސްސީ އިން ވަނީ މެޖިސްޓްރޭޓް މުހައްމަދު ނިޔާ ވުމާއި ގުޅިގެން އޭނާގެ އާއިލާއަށާއި، ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނަށް ތައުޒިއާ ފޮނުވާފައެވެ.

މުހައްމަދު މޫސާ ނިޔާވި އިރު އޭނާގެ އުމުރަކީ 55 އަހަރެވެ. މުހައްމަދު މޫސާގެ ކަށުނަމާދު ކުރުން އޮންނާނީ މިރޭ މަޣުރިބް ނަމާދަށްފަހު، ހުޅުމާލެ ވަގުތީ މިސްކިތުގައެވެ.

ޖޭއެސްސީ އިން ބުނެފައިވާ ގޮތުގައި މެޖިސްޓްރޭޓް މުހައްމަދު މޫސާ ވަނީ 1984 ވަނަ އަހަރުން ފެށިގެން ދައުލަތަށް ހިދުމަތް ކުރައްވާފައެވެ. އަދި 1990 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އޭނާ ހުންނެވީ ފަނޑިޔާރެއްގެ މަގާމުގައި ކަމަށް ޖޭއެސްސީ އިން ބުނެއެވެ. މުހައްމަދު މޫސާ ފަނޑިޔާރުކަން ކުރައްވާތާ 29 އަހަރު ވަނީ ވެފައެވެ.