މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބުރިޖުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގައި ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުއްޓާ ގުޅާލާ ބްރިޖުގެ މަސައްކަތުގެ ކޮންސަލްޓެންސީ އަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ނޮވެމްބަރު މަހުގެ ތެރޭގައި އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށިގެންދާނެކަމަަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއާއި ތިލަފުއްޓާދެމެދު ކޯސްވޭއަކުން ގުޅާލުން އެއީ ކުރެވޭނެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށާއި، އެ ޕްރޮޖެކްޓް ކޮންސަލްޓަންޓް ހުޅުވާލެވި ޝޯޓް ލިސްޓް ކުރެވިފައިވާކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫއަށް ދެއަހަރު ހޭދަވާނެ ކަމަށެވެ.

މާލޭގައި އަޅާ ދެވަނަ ބުރިޖު އިއުލާންކޮށްފައިވަނީ ނިމިގެންދިޔަ ޕާޓްނާޝިޕް ފޯރަމުގައެވެ.