އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު އައްޔަންކޮށްފިއެވެ.

އޭސީސީން ބުނީ ކޮމިޝަންގެ ނައިބުރައީސްކަމުގައި ހުންނެވި، މުއައްވިޒު ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން އައްޔަންކޮށްފައިވާ ކަމަށެވެ. އޭސީސީގެ ރައީސްކަމަށް މުއައްވިޒު އައްޔަންކުރީ ރައީސްކަމުގެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އެމަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުއައްވިޒު ރައީސް ކަމަށް އިންތިހާބުކުރުމާ ގުޅިގެން ހުސްވެފައިވާ ނައިބު ރައީސް ކަމުގެ މަގާމަށް މެންބަރަކު އިންތިހާބު ކުރާނީ އަންނަ އާދިއްތަ ދުވަހު ބާއްވާ ކޮމިޝަންގެ ޖަލްސާގައި ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީގެ ރައީސްކަމުގައި ހުންނެވި ލުތުފީ އިސްތިއުފާ ދެއްވާފައި ވަނީ، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު ފަހުން، ތިން މަސް ދުވަސް ވަންދެން ވަޒީފާއަށް ނުނުކުންނަވާ ހުންނެވުމަށްފަހުގައެވެ.

އޭސީސީގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު އަށް ވަނަ ދުވަހަށެވެ. އަދި އެ ކޮމިޝަނަށް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިހާރު ވަނީ ހުޅުވާލާފައެވެ.