ދެކުނުގެ ރަށެއްގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބަންގުލަދޭޝް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެގެ ހަވީރު ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކާ މެދު އެ ގޭގައި ގެންގުޅޭ ބަންގުލަދޭޝް ފިރިހެނެއް ޖިންސީ ގޯނާ ކުރިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން 38 އަހަރުގެ ބަންގުލަދޭޝް ފިރިހެންމީހާ ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއް ކަމަށާއި، އަނިޔާ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަ ނުކުރާތީ ކުޑަކުދިންގެ މައްސަލަތަކުގައި އަތޮޅާއި ރަށް ހާމަ ނުކުރާ ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ އިރު، ނިމިގެން ދިޔަ ހަފްތާގައި ސުކޫލް ދަރިވަރުންތަކަކަށް ލީޑިން ޓީޗަރަކު ޖިންސީ ގޯނާ ކޮށްގެން އެ ޓީޗަރު ހައްޔަރުކޮށްފައިވެއެވެ. އަދި އޭގެ ކުރީ ހަފްތާގައިވެސް 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.