މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަށް ކަނޑައެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ހިނގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

ހައްޖަށް މީހުން ގެއްދިއުމުގައި ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަން ނުހިމެނޭކަމަށް އޭސީސީން ނިންމާފައި ވަނީ، އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށްފަހުގައެވެ.

އޭސީސީގެ ނިންމުމުގައި ބުނެފައި ވަނީ، ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހެޅި ކުންފުނިތަކަށް ޕޮއިންޓް ދީފައިވާ ގޮތް ބެލިބެލުމުން، ޕޮއިންޓް ދިނުމުގައި ގަސްދުގައި ވަކި ފަރާތަކަށް ނާޖާއިޒް ފާއިދާ ލިބޭގޮތަށް ޕޮއިންޓްދީ ގަސްދުގައި ވަކިފަރާތަކަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުމާ މަނާކުރުމުގެ ގާނޫނުގައި ބުނާފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ފަަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅާ މި މައްސަލަވަނީ ނިންމާފައެވެ،"
އޭސީސީ

އެސީސީން ވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ބައެއް ކަންކަން އިސްލާހުކުރުމަށް އިސްލާމިކް މިނިސްޓްރީއަށް އަންގާފައެވެ.