ޑްރަގް ކޯޓަށް ހާޒިރުކުރުމަށް ކުރި އަމުރަކާއި ގުޅިގެން، ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި މީހެއް ނުކިޔަމަންތެރިިކަން ދެއްކުމުން ބިޑިއަޅުވަން އުޅުމުގެ ތެރޭގައި އަތުގައި ރެނދުލައިފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އަންނަ އާދީއްތަ ދުވަހު ޑްރަގްކޯޓަށް ހާޒިރުކުރުުމަށް ކޮށްފައިވާ ކޯޓު އަމުރާއި ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނެއް އިއްޔެ ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ނުކިޔަމަންތެރިކަން ދައްކަން ފެށުމުން ބިޑި އަޅުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާގެ އަތަށް ތަދުވާކަމަށް ބުނުމުން، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ޑޮކްޓަރަށް ދެއްކުމުން، އަތުގައި ފުރެކްޗާއެއް ހުރިކަމަށް ޑޮކްޓަރު ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އަށް ބޭސްފަރުވާކޮށްދިނުމަށްފަހު އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެމީހާގެ އަތުގައި ރެނދުލި މައްސަލައިގައި ފުލުހުންގެ ތެރޭގައި އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ބާރުގެ ބޭނުން ކުރާ ކޮންމެ ހާލަތެއްގައި "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ" އިން އެކަންކަން ދިރާސާކޮށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެއެވެ.