އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ނުފޫޒުގަދަ އަމީރުގެ ދަރިކަލުން އަދި ވަލީއަހުދު، ޝައިހް ހާލިދު ބިލް ސުލްތޯން އަލް ޤާސިމީ އަވަހާރަވީ، މަސްތުވާތަކެތި އިންތިހާއަށް ބޭނުންކޮށް، ޖިންސީ ފާހިޝް އަމަލުތަކުން ހައްދުފަހަނައަޅާފައިވާ ޕާޓީއަކަށް ފަހުގައި ކަމަށް އޭނާގެ ހިދުމަތުގައި މަސައްކަތްކުރި މުވައްޒަފަކު ބުނެފިއެވެ.

ޔޫއޭއީގެ އަމީރުގެ ދަރިކަލުން، އުމުރުން 39 އަހަރުފުޅުގައި އަވަހާރަވެފައި އޮއްވާ ފެނިފައިވަނީ ލަންޑަންގައި ހުންނަ އޭނާގެ 8 މިލިއަން ޕައުންޑްގެ ޕެންޓްހައުސްއިން، މިދިޔަ ހޯމަ ދުވަހުއެވެ.

އޭނާގެ މުވައްޒަފަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަމީރުގެ ދަރިކަލުންނަކީ މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއް ކަމަށްވާ ކްރިސްޓަލްމެތް ބޭނުންކުރާ މީހެއް ކަމަށާއި، އޭނާ އެކަން ކުރަނީ ޖިންސީ ގުޅުން ހިންގުމުގައި ގިނަ ވަގުތު ހޭދަކުރުމަށް އެ ޑްރަގުގެ ސަބަބުން އެހީވެދޭތީކަމަށް ބުނެކަމަށްވެއެވެ.

ހާލިދަކީ އެންމެ މަތީ ގިންތީގެ ކަސްބީ އަންހެނުންނަށް ދައުވަތު ދީގެން ފަހިޝް ޕާޓީތައް ބޭއްވި މީހެއް ކަމަށްވެސް އެ މުވައްޒަފާ ހަވާލާދީ އާންމުކުރި ޚަބަރުގައި ވަނީ ތުހުމަތުކޮށްފައެވެ.

ހާލިދު ވަޅުލާފައިވަނީ ޝާރުޖާގައެވެ. އޭނާ ވަޅުލުމުގެ ކުރިން އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާލިދުގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ޓެސްޓުތަކެއް ހަދާފައެވެ. ނަމަވެސް، އެކަމާ ގުޅުންހުރި ތަފްސީލީ ރިޕޯޓްތައް ރަސްމީކޮށް ލިބޭނީ އަދި ދެތިން މަސްދުވަސް ފަހުންނެވެ.