އެންޓިކޮރަޕްޝަން ކޮމިޝަނަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ފޯރުކޮށް ދީފައިވާ އިރު، ބައެއް ލިޔެކިޔުން ނުލިބޭކަމަށް އެ ކޮމިޝަނުން ބުނަމުން ދަނީ، ކުންފުނީގައި ހުރި މައްސަލަތައް ނުބަލައި ފައިލް ކުރުމަށް ކަަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފިއެވެ.

ޕީއެސްއެމުން މިހެން ބުނެފައިވަނީ އޭސީސީގެ މެންބަރުން މަޖިލީހުގެ ކޮމިޓީގައި އެ ކުންފުނިން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅުންހުރި ބައެއް ލިޔެކިޔުންތައް ފެންނަން ނެތް ކަމަށާއި، އަދި ލިބިފައި ނެތްކަމަށް ބުނެ، އެ ކަމުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅެމުން ދާކަމަށް ބުނުމާއި ގުޅިގެންނެވެ.

ޕީއެސްއެމުން ބުނެފައިވަނީ އޭސީސީން މަޖިލީހުގެ ކޮމިޓީގައި އެގޮތަށް ބުނުމަކީ ކުންފުނިން ހުށަހެޅި މައްސަލަތައް ނުބަލައި ފައިލްކުރުމުގެ ނިޔަތުގައި އެކޮމިޝަނުން ކުރި ކަމެއް ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ކުންފުނިން އެއްވެސް ލިޔުމެއް ނުލިބިގެން މައްސަލަ ނުބަލާ ފައިލްކުރުމުގެ ބަދަލުގައި، މިހާތަނަށް އެކޮމިޝަނަށް ލިބިފައިނުވާ ލިޔުމެއްވާނަމަ އެ ލިޔުމެއް ހޯދަން އެދުމުން ނުވަތަ އެ ލިޔުމެއް ހޯދުމަށް އައުމުން އެފަދަ ލިޔުމެއް އެއްވެސް ޑިޕާޓްމަންޓެއްގައި ވާނަމަ އެ ލިޔުމެއް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް."
ޕީއެސްއެމް

ޕީއެސްއެމުން ބުނީ މައްސަލަތައް ހިނގާފައިވާ ގޮތް ބެލުމުގައި ގިނަ މަޝްރޫއުތައް ގާނޫނާއި ގަވާއިދާ ހިލާފަށް ވަކި ބަޔަކަށް ނާޖާއިޒު ފާއިދާ ލިބޭގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ކުންފުނީގެ ކުރީގެ ބޯޑާއި މެނޭޖްމަންޓުން ނިންމާފައިވާ ނިންމުން އެންމެ ރަނގަޅު ކަމަށް އޭސީސީން ލަފާދީފައިވާ ކަމަށެވެ.

އަދި މިހާރު އޭސީސީ ހިންގުމާ ހަވާލުވެތިބި ވެރިންގެ މަސްލަހަތު ފުށޫ ނާރާނެ ގޮތަކަށް އިންސާފުގެ މަގުން އެއްކިބާ ނުވެ ކުންފުނިން ހުށަހަޅާފައިވާ މައްސަލަތައް ބެލިދާނެކަމަށް ގަބޫލު ނުކުރާކަމަށް ޕީއެސްއެމުން ބުނެފައިވެއެވެ.

ޕީއެސްއެމްގެ ބަޔާނުގައި ބުނީ، ކުންފުނީގެ ހިންގުން އާ މެނޭޖްމަންޓުން ހަވާލުވި އިރު، ކުރީގެ ސަރުކާރުގައި އޮތް މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާފައިވާ 20 އަށް ވުރެ ގިނަ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް ޕީއެސްއެމްގެ ފަރާތުން އިސްވެ ހުށަހެޅި ކަމަށެވެ. އެ މައްސަލަތައް ހުށަހެޅީ ޕީއެސްއެމްގެ ބޯޑުން ފާސްކޮށް މީގެ ފަސް މަސް ކުރިން ކަމަށް ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

"ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހިނގާފައިވާކަމަށް ބެލެވޭ މަޝްރޫއުތަކާ ގުޅޭ އިދާރީ މަސައްކަތްތައް ކުރި މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކުތަކާއި އީމެއިލް މެދުވެރިކޮށް ކޮށްފައިހުރި މުއާމަލާތައް ވެސް އޭސީސީގެ ތަހުގީގު ބޭނުމަށް އެބޭފުޅުން [އޭސީސީން] ވަޑައިގެން ވަނީ ގެންގޮސްފައި. ތަހުގީގަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް އެ ކޮމިޝަނުން ފޮނުވާ އަމުރުތަކާ އެއްގޮތައް އެކޮމިޝަނަށް ވަނީ ފޮނުވާފައި،"
ޕީއެސްއެމް

ޕީއެސްއެމުން ބުނީ ތަހުގީގު ތަކުގައި ޕީއެސްއެމްއަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އޭސީސީއަށް ދީފައިވާނެ ކަމަށެވެ.