އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރުގެ މަގާމުން ރާހުލް ގާނދީ އިސްތިއުފާ ދެއްވައިފިއެވެ.

ރާހުލް އިސްތިއުފާދެއްވިކަން އިއުލާން ކުރެއްވީ ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އިސްތިއުފާ ބަޔާނުގައި ރާހުލް ވިދާޅުވީ މި އަހަރުގެ އާއްމު އިންތިހާބުގައި ކޮންގްރެސް ޕާޓީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ޒިންމާ އުފުއްލަވާ ކަމަށެވެ. އަދި ޕާޓީގެ ކުރިމަގަށް ބަލާއިރު ޒިންމާދާރު ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އިސްތިއުފާ ދެއްވީ އެ ސަބަބަށްޓަކައި ކަމަށެވެ.

އުމުރުން 49 އަހަރުގެ ރާހުލް އަށް ޕާޓީގެ ލީޑަރުގެ މަގާމު ލިބިވަޑައިގެންނެވީ ޑިސެމްބަރު 2017 ގައެވެ.

އެޕްރީލް-މެއި މަހު ބޭއްވި އާއްމު އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު ރާހުލް ވަނީ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ކުރިއަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން ނިމުނު އާއްމު އިންތިހާބުގައި ޕާލަމެންޓުގެ ދަށު ގޭގެ 543 ގޮނޑީގެ ތެރެއިން ކޮންގްރެސް ޕާޓީ އަށް ލިބުނީ 52 ގޮނޑިއެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ 303 ގޮނޑި ކާމިޔާބުކޮށް ޕާލަމެންޓުގެ ސާފު އަޣުލަބިއްޔަތު ހޯދާފައެވެ.