އެމްޑީޕީން އަލަށް ހޮވި އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ބޭފުޅުންނާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ހޮވިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހޮވި ވަޑައިގެންފައިވާ ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ޕީޖީ ގުރޫޕުގެ އަމީން އާއްމު ކަމުގެ މަގާމަށް ހޮވިވަޑައިގެންފައިވާ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުޅިގެން މަސައްކަތްތައް ކުރިޔަށްގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އެމްޑީޕީގެ ޕީޖީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރީ އިއްޔެ ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގައެވެ.