ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޮށްފައިވާ ދަތުރުތަކަށް އެޑްވާންސް ފައިސާ ހަރަދު ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް އެ އޮފީހުގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި ޕީޖީ އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ޖެނުއަރީ 22، 2015 ގައި އެ އޮފީހުން ފިނޭންސަށް ފޮނުވި ސިޓީއެއްގައި 120،000 ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ނަގައި އެ ފައިސާ ދަތުރު ހަރަދުގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދައަކަށް އެދިފައިވީ ނަމަވެސް، ފިނޭންސުން އޭރު ހުއްދަ ދީފައި އޮތީ ޕީޖީ އޮފީހުގެ ޕެޓީ ކޭޝްގެ އަދަދު 10،000 ރުފިޔާއިން 60،000 ރުފިޔާއަށް އިތުރުކޮށް އެ ފައިސާގެ ތެރެއިން ދަތުރު ހަރަދު ކުރުމަށެެވެ.
ނަމަވެސް، ޕީޖީ އޮފީހުން މިދިޔަ އެޕްރީލްގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޕެޓީ ކޭޝްގެ ބޭރުން ޓްރެވަލް އެޑްވާންސްގެ ނަމުގައި ނަގުދު ފައިސާ ނަގައި އެ އޮފީހުގެ ދަތުރުތަކަށް ހަރަދު ކުރަމުން ގޮސްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މާލިއްޔަތު ގަވާއިދުގެ 6.24 ގެ (ށ) ގައި ބުނެފައިވަނީ އެއްވެސް ކަމަކަށް އެޑްވާންސް ފައިސާ ހަރަދު ކުރެވޭނީ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބެގެނެވެ. ނަމަވެސް ޕީޖީ އޮފީހުން ޓްރެވަލް އެޑްވާންސްގެ ގޮތުގައި ފައިސާ ހަރަދު ކުރީ، އެ ހުއްދަ ނުނަގާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިއީ މާލިއްޔަތު ގަވާއިދާ ހިލާފު ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ އޮފީހުން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކުރި މަސައްކަތްތަކަށް މާލިއްޔަތު ގަވާއިދުގައި ބުނާ ރިޓެންޝަން ފައިސާ އުނިނުކޮށް އެއްކޮށް ދީފައިވާ ކަމަށް ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މާލިއްޔަތު ގަވައިދުގެ ދަށުން 250،000 ރުފިޔާއިން 2.5 މިލިއަން ރުފިޔާއާ ދެމެދުގެ ކޮންޓްރެކްޓްތަކުގެ ޖުމްލަ އަގުން ފަސް ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަން ޖެހޭނެކަމަށެވެ. އަދި ރިޓެންޝަންއަށް އުނިކުރި ފައިސާ ދެވޭނީ ހަ މަސް ފަހުން ނަމަވެސް، ހަތަރު ޕްރޮކިއުމަންޓް ޕްރޮޖެކްޓަކަށް 1.84 މިލިއަން ރުފިޔާ އެ އޮފީހުން ހޭދަކޮށްފައިވާ އިރު، ރިޓެންޝަން ފައިސާގެ ގޮތުގައި ބަހައްޓަން ޖެހޭ 92،019 ރުފިޔާ އުނިކޮށްފައެއް ނުވާކަމަށް ބުނެފައިވެއެވެ.
އަދި އެގޮތަށް އަމަލުކުރުމުގެ ސަބަބުން ކޮންޓްރެކްޓަރު ކުރާ މަސައްކަތުގެ ސަބަބުން މައްސަލައެއް ދިމާވެއްޖެ ނަމަ، އެކަން ހައްލު ކުރަން އުނދަގޫވާނެ ކަމަށް އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. މި މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާދެއްވަނީ މާލިއްޔަތު އުސޫލާ އެއްގޮތަށް ކޮންޓްރެކްޓްތަކުގެ ދަށުން ފައިސާ ދޫކުރުމަށެވެ.