ރާއްޖޭގެ މާލީ ނިޒާމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، 30 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފިއެވެ.

ދިވެހި ފައިސާއިން ނަމަ، މިއީ 462 މިލިއަން ރުފިޔާއެވެ. ވޯލްޑް ބޭންކުން ފައިސާގެ އެހީ ދިނުމަށް ނިންމާފައިވަނީ ރާއްޖޭގެ މާލީ ނިޒާމުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށެވެ. ވޯލްޑް ބޭންކުން މިގޮތަށް ނިންމީ މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ބޭންކުގެ އެގްޒެކްޓިވް ބޯޑު ބައްދަލުވުމުގައެވެ.

ވޯލްޑް ބޭންކުން އެހީ ދިނުމަށް ނިންމާފައިިވާ ގޮތަކީ، މާލީ ނިޒާމުގެ ހިންގުން ހަރުދަނާ ކުރުމާއި ސިޔާސަތުތައް އެކުލަވައިލުން ހަރުދަނާކުރުމަށް 20 މިލިއަން ޑޮލަރާއި ވޯލްޑް ބޭންކުން ހިލޭ އެހީގެ ގޮތުގައި ދޭ 10 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ކްރެޑިޓަށް ދޭ 10 މިލިއަން ޑޮލަރު ވެސް ހިމެނޭކަމަށް ރިޕޯޓްތަށް ބުނެއެވެ. މިއީ 40 އަހަރުގެ މުއްދަތަކަށް ދީފައިވާ ކްރެޑިޓެކެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ ގާބިލްކަން އިތުރު ކުރުމާއި އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށް 10 މިލިއަން ޑޮލަރު ދިނުމަށް ވޯލްޑް ބޭންކުން ނިންމި އިރު، އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާއެވެ. އަދި އަނެއް ފަސް މިލިއަން ޑޮލަރަކީ ކްރެޑިޓަށް ދޭ ފައިސާއެވެ.