ސިނގިރޭޓް ބޯ މީހުންނަކީ އެމީހުންގެ ލޮލުގެ ފެނުންވެސް ނުރައްކަލުގެ ތެރެއަށް އެއްލާލައިގެން ތިބޭ ބައެއް ކަމަށް ލޮލުގެ ސިއްހަތާ ބެހޭ ތަޖުރިބާކާރުން ބުނެފިއެވެ.

އެސޯސިއޭޝަން އޮފް އޮޕްޓޮމެޓްރިސްޓްސް (އޭއޯޕީ)އިން ކުރިއަށް ގެންދިޔާ ސާވޭގެ ނަތިޖާއަށް ބަލާއިރު ސިނގިރޭޓު ބުއިމަކީ ލޯ އަނދިރިވާ ކަމެއްކަން އެނގެނީ ސިނގިރޭޓު ބޯ ކޮންމެ ފަސް މީހަކުން އެކަކަށެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބްލައިންޑް ޕީޕަލްއިން ބުނީ ސިނގިރޭޓު ބޯ މީހުންގެ ލޮލުގެ ފެނުން ގެއްލުމުގެ ނުރައްކާ، އެ ނޫން މީހުންނާ އަޅާ ބަލާއިރު ދެގުނަ އިތުރުކަމަށެވެ.

މިކަން މިހެން މެދުވެރިވަނީ ދުންފަތުގެ ދުމުން ބޭރުވާ މާއްދާތަކަކީ ލޮލުގެ ސިއްހަތަށް ކުރިމަތިވާ މައްސަލަތައް ގޯހުން ގޯހަށް ގެންދާތީ ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެއެވެ.

އެގޮތުން ސިނގިރޭޓުގެ ދުމުން ބޭރުވެގެންދާ ދަގަނޑާ އެނޫންވެސް މައުދަންތަކުގެ ރެސިޑިއުއަކީ ލޮލުގެ ކަޅުކަޅިއޭ މިކިއާ ސަރަހައްދުގެ ފަހަތުގައި އިންނަ ލެންސަށް ޖަމާވާ މާއްދާތަކެއް ކަމަށާ، މި ގޮތަށް މި މާއްދާތައް ޖަމާވެފައި ހުއްޓާ އިރުގެ އަވި އެޅުމުން އަލި ރިފްލެކްޓްވާ ގޮތްވެ، ލޯ އަނދިރިވުން ފަދަ މައްސަލަތަކާ ކުރިމަތި ކުރުވައެވެ. މީގެ އިތުރުން ސިނގިރޭޓު ބޯ މީހުންނަކީ، އުމުރުން ދުވަސްވަމުންދާކަށް، ކުދިކުދި ތަފްސީލުތައް ހަމަ ލޮލަށް ފެނުމުގެ ނިއުމަތުން މަހްރޫމުވެގެންދާ ބައެއްކަންވެސް ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތްއިރު، ކުށްލި ގޮތަކަށް ލޮލުގެ ފެނުން ގެއްލުމުގެ ނުރައްކާ، 16 ގުނައަށް އިތުރުވާކަމަށް ހޯދުންތަކުން ދައްކައެވެ.