ޓްރާންސްޕޯޓް މިނިސްޓްރީން ނިންމަފައިވާ މަސައްކަތް ނުވަތަ ޑެލިވަރީ ދޫކުރުމަށް ނަންބަރު ނެގުމަށް ވަކި ވަގުތެއް ހަމަޖައްސައިފައި ވާކަމަށް އެ އޮތޯރިޓީ އިން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ މިހެން ހެދީ އެ އޮތޯރިޓީއަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމުތަކާއި، ޑެލިވަރީ ނެގުމަށް އެއް ގަޑިއަކު ގިނަ ފަރާތް ތަކަކުން ނަންބަރު ނަގަމުން ގެންދާތީ، ނަންބަރު ނަގާ ފަރާތްތަކުން ގިނަ އިރުތަކެއް ވާންދެއް ކުއުގައި މަޑުކުރަން ޖެހުމުން ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކާ ކަމަށެވެ.

އަދި މިކަމަކީ ހައްލު ކޮށްދިނުމަށް އެދި ގިނަ ފަރާތްތަކަކުން އެދެމުންދާ ކަމެއް ކަމުން، މިއަދުން ފެށިގެން ޑެލިވަރީ ނެގުމަށް ނަންބަރު ދޫކުރާނީ ވަކި ވަގުތެއްގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ބުނެފައެވެ. އެގޮތުން މިއަދުން ފެށިގެން ޑެލިވަރީ ނެގުމަށް ނަންބަރު ދޫކުރާނީ ހަމައެކަނި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން 11:00 އަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

މީގެ ކުރިން އެޕްލިކޭޝަން ފޯމުތައް ހުށަހެޅުމާއި އަދި ޑެލިވަރީ ނެގުމުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް އެ އޮތޯރިޓީ އިން ނަންބަރުތައް ދޫކުރަމުން ދިޔައީ އެއް ވަގުތުތަކެއްގައެވެ.