އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން ހުސްވެފައިވާ ރާޖަސްތާނުގެ ގޮނޑިއަށް، އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިން ހަމަޖެއްސުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އިދިކޮޅު ކޮންގްރެސްއިން މިހާރުވެފައިވާކަމަށް އެޕާޓީގެ އޮފިޝަލަކު ހާމަކުރައްވައިފިއެވެ.

ރާޖަސްތާނުގެ ގޮނޑި ހުސްވެފައިވަނީ ބީޖޭޕީގެ މެމްބަރު މަދާން ލާލް ސައިނީ އަވަހާރަވުމާ ގުޅިގެންނެވެ. މިމަގާމަށް ސައިނީ އިންތިހާބު ކުރެވުނީ މިދިޔަ އަހަރުއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ރާޖްޔާ ސަބާގައޮ މިވަގުތު މެޖޯރިޓީ އޮތީ އިދިކޮޅު ކޮންގްރެސްއަށެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން ރާޖަސްތާނުގެ ގޮނޑިއަށް މަންމޯހަން ސިން ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރެވޭނީ، އެ ދާއިރާގެ އިންތިހާބު ރަސްމީކޮށް އިއުލާންކުރެވޭ ހިސާބުންކަމަށް ކޮންގްރެސް ޕާޓީގެ އިސް ލީޑަރަކު ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރާޖަސްތާނުގެ ޗީފް މިނިސްޓަރު އަޝޯކް ގެލްލޯޓުވެސް ވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މަންމޯހަން ސިންހާއި ބައްދަލުކުރައްވާފައެވެ.

ނަމަވެސް މަންމޯހަން ސިންގެ އޮފީހުން ބުނީ، މިފަދަ ކަމެއްގެ މައުލޫމާތު އަދި ލިބިފައި ނުވާކަމަށާ، ރާޖަސްތާނު ދާއިރާގެ އިންތިހާބުވެސް އަދި ރަސްމީކޮށް އިއުލާންކުރެވިފައި ނުވާކަމަށެވެ.

މަންމޯހަން ސިންހަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި 28 އަހަރު ހޭދަކުރައްވާފައިވާ ސިޔާސީ ތަޖުރިބާކާރެކެވެ. މަންމޯހަން ސިންގެ މަޖިލިސް ދައުރު ހަމަވެފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ. ގާނޫނު ހަދާ މަޖިލީހުގައި މަންމޯހަން ސިންހް ތަމްސީލުކުރައްވާފައިވަނީ އައްސާމްގެ ދާއިރާއެވެ.