ބާ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް، އެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އަށް ހުޅުވާލާފައިވާ ކަމަށެެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރަޖިސްޓްރީގައި 1487 މީހެއްގެ ނަން ވަނީ ހިމަނާފައެވެ.

ބާ ކައުންސިލްގެ އިންތިހާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އީސީން އަންނަނީ ވަމުންނެވެ. ބާ ކައުންސިލްގެ އިންތިހާބު މި ޖުލައި މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސްކަމާއި، ނައިބު ރައީސްކަމާއި، މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، އިއްޔެއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ހަވީރު 5:00 އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

އީސީން ބުނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިހާބާ ބެހޭ މަރުކަޒު ބާ ޖަމާލުއްދީނަށް ކަމަށެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ ވޯޓު ލުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓުލާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ 14 ޖުލައިގައެވެ.