ބ. ފެހެންދޫ، ފުޅަދޫ އަދި ށ. ފީވަކު ބަނދަރު ހެދުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީ އިން ވަނީ މި 3 ރަށުގެ ބަނދަރު ހެދުމަށް 167.2 މިލިއަން ރުފިޔާ އެމްޓީސީސީ އަށް ދީފައެވެ. މި އެއްބަސް ވުމުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވަނީ ސޮއިކުރައްވާފައެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝަނާ ފާރޫގެވެ.

މި އެއްބަސްވުން ތަކުގެ ދަށުން އެ ރަށްރަށުގެ ބަނދަރު ފުންކޮށް، ބޭރުތޮށި ހަދައި ރިވެޓްމަންޓް ޖެހުމާއި ނެރު ބައްތިތައް ޖެހުމާއި ރޭމްޕްތައް ހެދުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން އެއް އަހަރާ އެއްމަސް ދުވަހުގެ ތެރޭގައި ފީވައް އަދި ފުޅަދޫގެ ބަނދަރު ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެހެންދޫގެ އެއްބަސްވުން ދެމަހާ 5 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެެ.