ގދ. ވާދޫ ގައި ޓުއަރިޒަމް ތަރައްގީ ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުއްދަ ދެއްވައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޓުއަރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ވާދޫގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް 5،000 އަކަފޫޓުގެ 16 ޕްލޮޓު ގެސްޓް ހައުސް ތަރައްގީ ކުރުމަށް ބޭނުން ކުރާ ބިމުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ބިންތައް ބީލަމުގެ އުސޫލުން ދޫކުރުމުގެ ކަންކަންކަން އެ ރަށު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ވާދޫގެ ކައުންސިލާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވާއިރު، އެ ރަށުގައި މިހާރުވެސް ގެސްޓް ހައުސްތައް އަޅައި ރަށު ޓުއަރިޒަމްގެ ވިޔަފާރި ދަނީ ކުރަމުންނެވެ.

ލޯކަލް ޓުއަރިޒަމް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން، މިހާރު ވެސް މި މަސައްކަތް ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެކީ އަމިއްލަ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.