ރާއްޖެ ކައިރީ ކަނޑުގެ ސަރަހައްދައް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ. ނަމަވެސް ދެކުނުގެ ބައެއް ރަށްރަށަށް ބިންހެލުމުގެ އިހުސާސް ކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އެފީހުން ވަނީ ބުނެފައެވެ.

މި ބިންހެލުމުން އައިސްފައި ވަނީ ރާއްޖެ ކައިރީގައި އޮންނަ ކާލްސްބާގް ރިޖް އަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މި ބިންހެލުން އައިސްފައި ވަނީ އެ ސަރަހައްދުގެ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށާ އެއީ 5.8 މެގްނިޓިއުޑް ބާރު މިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މި ބިންހެލުން އައިސްފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ 588 ކިލޯ މީޓަރު ދުރުން ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ލ. ކައްދޫއަށް ބިންހެލުމުގެ އަސަރު ކޮށްފައި ވާކަމަށް ބައެއް ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވީ ނަމަވެސް އެފަދަ އަސަރެއް ކުރިކަން އަދި ފާހަގަ ކުރެވިފައި ނެތް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މިއަހަރުގެ މާޗް މަހުގެ ތެރޭަގއި ވަނީ ރާއްޖެއާ 2017 ކިލޯމީޓަރު ދުރަށް ބިންހެލުމެއް އައިސްފައެވެ. މި ބެހެލުން އައިސްފައި ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަކަށެވެ. މީގެ އިތުރުން ހަމަ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް ވަނީ ރާއްޖެއާ 5350 ކިލޯމީޓަރު ދުރަށް ބިނހެލުމެއް އައިސްފައެވެ. މި ބިންހެލުމަކީ އިންޑޮނޭޝިއާއަށް އައިސްފައިވާ ބިންހެލުމެކެވެ.

އެގޮތުން 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރު ގަދަ ބިންހެލުމެއްގައި ރާއްޖޭގެ އިތުރުން އޭޝިޔާ ސަރަހައްދުގެ ގިނަ ގައުމުތަކަަކށް ވަނީ ސުނާމި އަރާފައެވެ. އެގޮތުން 2004 ވަނަ އަހަރު އެރި ސުނާމީގައި ރާއްޖޭގެ ރަށްތަކަށާއި ރައްޔިތުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.