އައްޑޫގައި މަޑިއަކަށް އަނިޔާކުރި މައްސަލަ ފުލުހުންނާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ސަމާލު ކަމަށް އައިސްފިއެވެ.

އީޕީއޭގެ ސަމާލުކަމަށް މި މައްސަލަ އައިސްފައި ވަނީ، އާންމު މީހަކު ފޭސްބުކަށް އަޕްލޯޑް ކުރި ވީޑިއޯއެއްގެ ސަބަބުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ހިތަދޫ ބަނދަރު ސަރަހައްދުގައި މި މަޑި ބޭނުމަށް ފަހު ތޮށިގަނޑު މައްޗަށް އަރުވާ، އޭގެ ނަގޫ ބުރި ކުރުމަށްފަހު، ދާވަނިއެއް ބޭނުންކޮށްގެން މަޑި މޫދަށް އެއްލާލުމަށް މަސައްކަތް ކުރެއެވެ.

ބާނާފައިވާ މަޑީގެ ސައިޒުން ބޮޑުވުމާއެކު ދާވަނިން މަޑިއަށް އެތައް ހަމަލާއެއް ދިނުމަށްފަހު، މި ކަން ކުރި މީހާ ވަނީ މަޑި މޫދަށް އެއްލާލާފައެވެ. މަޑި މޫދަށް އެއްލާލުމުގެ ތެރޭގައި މަޑީގެ އެތަން މިތަނަށް ދާވަނި ހެރުމުން ލޭ ފައިބަމުން ދިޔަތަން ވެސް ވީޑިއޯ އިން ފެންނަން ހުއްޓެވެ.

އީޕީއޭން މިއަދު ކުރި ޓްވީީޓެއްގައި ބުނީ، މިކަން އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުންނާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. އީޕީއޭ އިން ވަނީ 2014 ވަނަ އަހަރު ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މަޑީގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށްފައިވާ ކަން ވެސް ޓްވީޓްގައި ފާހަގަކޮށްފައެވެ.

ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެސް ބާނައި، ހައްޔަރުކޮށް، ގޯނާ ކުރުމުގެ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ.

މަޑިއަށް އަނިޔާކޮށް، އޭގެ ނަގޫ ބުރި ކުރުމުން، އެކަން ކުރި މީހުންނަށް ސޯޝަލް މީޑީއާގައި އާންމުންގެ ފާޑު ކިޔުން ދަނީ އަމާޒުވަމުންނެވެ. އެގޮތުން، އެއީ އަނިޔާވެރި އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރުމަކީ ދެރަ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.