ކ. ދިއްފުށި މޫދުން ފެނުނީ މަރުވެފައި އޮތް ކިނބުލެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ދިއްފުށި ކައިރިން މައުވެފައި އޮތް ކިނބުލެއް ފެނުނު ކަމުގެ ރިޕޯޓް މިއަދު ހެނދުނު 10:00 ހާއިރު އެމްއެންޑީއެފަށް ލިބިފައިވާ ކަމަށެވެ. އަދި ދިއްފުށީ ކައިރިން ފެނުނު ކިނބޫ ގިނަ ދުވަސް ވުމުގެ ސަބަބުން ކުނިވެފައި ވާއިރު، އޮތީ އޮޔާ ލައްގާފައި ކަމަށާއި، އެކަން ރިޕޯޓު ކުރުމުން އެ ސަރަހައްދަށް ސިފައިން ދިޔަ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
ދިއްފުށި މޫދުން ފެނުނު ކިނބުލަކީ، ބޮޑު މަހުގެ ބައެއް ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އެއީ ބޮޑު މަހުގެ ބައެއް ކަމަށް ބަޔަކު ތަންކޮޅެއް ކުރިން ބުނެފައިވީ ނަމަވެސް، އެއީ ކިނބުލެއް ކަމަށެވެ.
ދިއްފުށި މޫދުން މިއަދު ކިނބުލެއް ފެނިފައިވާއިރު، ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީ ގޮތެއް ނޭނގޭ ކަމަށާއި އެ ކިނބުލަށް ވީ ގޮތް ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން މިހެން ބުނެފައި ވީ ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި ކުޑަކުދިންގެ ބަގީޗާ އިތުރަށް ތަރައްގީ ކުރުމުގެ ނަމުގައި އެތަން ބަންދުކޮށް ކިނބޫ އެހެންތަނަކަށް ގެންދިޔަކަމަށް އޭރުގެ ސަރުކާރުގެ ބައެއް ވެރިން ވަނީ ބުނެފައެވެ.
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަކީ 1998 ވަނަ އަހަރު އަރިއަތޮޅު ދެކުނުބުރީ ތެލުވެލި ގާ ފަޅުތެރެއިން އަހުމަދު ސައީދެ (ގަހާ) ހިފާ ސިފައިންނާ ހަވާލު ކުރި ކިނބުލެކެވެ.