އިތުރު ފަސް ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ޖަލްސާގައި އެ ކޮމިޓީން ވަނީ އިތުރު ފަސް ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ނިންމާފައެވެ. އެ ކޮމިޝަނުން މައްސަލަ ބަލަން ނިންމާފައިވާ ފަނޑިޔާރުންގެ ތެރޭގައި، ޑްރަގް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހުސެއިން ރަޝީދު، ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ އިތުރުން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އައީނާން އަލީ މުހައްމަދު އަދި ރ. މާކުރަތު ކޯޓުގެ މެޖިސްޓްރޭޓް އަދުނާން ހުސެއިން ހިމެނެއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، އެ ކޮމިޝަނުން ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ނަޝީދާއި މެދު ނަސޭހަތް ދިނުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މެޖިސްޓްރޭޓް ނަޝީދާ ބެހޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ، ތަހުގީގު ކުރެވެމުންދާ މައްސަލައެއްގައި ތަހުގީގު މަރުހަލާ ނިމި، ކޮމިޝަނަށް ހުށަހެޅި، ކޮމިޝަނުން އެ ތަހުގީގު ރިޕޯޓް ބަލައިގަނެ ކޮމިޝަނުން ވަނީ ގޮތް ނިންމާފައެވެ. އެ ކޮމިޝަނުން ބުނީ މެޖިސްޓްރޭޓް ނަޝީދާ މެދު ނަސޭހަތް ދިނުމުގެ ފިޔަވަޅު އަޅަން ނިންމާފައިވަނީ ގާނޫނުން ލާޒިމު ކުރާ ގޮތުގެ މަތިން، ފަނޑިޔާރަކާ މެދު ޝަކުވާއެއް ހުށަހެޅުމަށްފަހު، އެ ޝަކުވާއެއް ތަހުގީގު ކޮށް، ފަނޑިޔާރަށް 30 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތު ފަހަނަޅާ ދިއުމަށްފަހުގައެވެ.

މީގެ އިތުރުން ޖޭއެސްސީން ވަނީ އެ ކޮމިޝަނަށް ޖިންސީ ފުރައްސާރައާ ބެހޭ ގިނަ މައްސަލަތަކެއް ހުށަހެޅެމުންދާކަން ފާހަގަ ކޮށްފައެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާ ގުޅިގެން މިގޮތަށް އުފެދިފައިވާ ޖިންސީ ފުރައްސައިރައިގެ މައްސަލަތައް އިތުރުވާކަން ފާހަގަ ކުރެވޭތީ، ކޯޓުތަކުގެ ތެރޭގައި ޖިންސީ ގޮތުން ފުރައްސާރަކުރުން އޮތް މިންވަރު ދެނެގަތުމަށްޓަކައި، ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.