ކުއްލި މައްސަލަ ހުށަހެޅުއްވުމުން، ކަނޑިތީމު ދާއިރާގެ މެމްބަރު 'ހީވީ' އާދަމް ޝަރީފު އުމަރުގެ 'ދަތްދޮޅި ދުއްވާލަފާނެހެން' ކަމަށް ވިދާޅުވެ ކަނޑިތީމު މެންބަރަށް އޭނާ ފާޑު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއާ އެކު ލަންކާގެ ކެފޭއެއްގައި އޭނާ އިންނެވި ކަމަށް، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ކަނޑިތީމު މެންބަރު އަބްދުﷲ ޝަހީމު ވިދާޅުވުމާ ގުޅިގެންނެވެ. ޝަހީމް މިހެން ވިދާޅުވީ، ލުތުފީގެ ކަންކަމުގައި މިހާރުގެ ސަރުކާރުން އަމަލު ކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ބުނެ، އާދަމް ޝަރީފު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ޝަހީމަށް ރައްދު ދެއްވުމަށް އާދަމް ޝަރީފު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަހީމް ހައްދަވާފައި ވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށާ ކުއްލި މައްސަލަ ހުށަހެޅުމުން ޝަހީމަށް ހަޖަމު ނުކުރެއްވިގެން 'ހީވީ އޭނާގެ ދަތްދޮޅި ދުއްވާލަފާހެން' ކަމަށެވެ. އަދި ރައްޔިތުން އުއްމީދު ކުރާ ފަދަ ތަހުޒީބު ތަނަކަށް މަޖިލިސް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށާއި، މިހާވަރު ވެސް ވަނީ 'ޓީޗަރު'ގެ ރަނގަޅު ކަމުން ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ލުތުފީއާ އެކު ލަންކާގެ ކެފޭއެއްގައި އާދަމް ޝަރީފު އިންނެވި ކަމަށް ޝަހީމް ތުހުމަތު ކުރެއްވުމާ ގުޅިގެން ޝަރީފު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ، ޝަހީމް ދައްކަވަނީ ދޮގު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެއީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

އާދަމް ޝަރީފު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި، ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމެއް ނެތް ކަމަށާއި، ހިމާޔަތް ހޯދަން މަސައްކަތް ކުރި ކަމަށް ބުނެ ސަރުކާރުން ލުތުފީ ރާއްޖެ ގެނައުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކަމުގެ ހަގީގަތް ހާމަކުރުމުގެ ބަދަލުގައި ފުލުހުން ވެސް އެ މީހުންގެ ޒިންމާ އިން ރެކެން އުޅޭ ކަމަށް އެ ކުއްލި މައްސަލާގައި ވެއެވެ.