އިމާރާތް ކުރުމަށް ބޭނުންކުރާ އަސާސީ މުދާ އެތެރެކުރުމާއި އުފެއްދުން މާނާކުރުމަކީ ކޮރަޕްޝަން ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ބުނެފިއެވެ.

ޓްރޭޑް ޔޫނިއަނުުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އިމާރާތް ކުރުމަށް ބޭނުންކުރާ އަސާސީ މުދާ އެތެރެކުރުމާއި އުފެއްދުން މަނާކުރުމަކީ ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމަށް މަގުފަހި ކުރުމަށް ގަވާއިދުތަކާއި އުސޫލުތައް ބަދަލުކޮށްގެން ހިންގޭ ނިޒާމީ ކޮރަޕްޝަންގެ ޗޭނަށް އިތުރުވި ބޮޅެެއް ކަމަށެވެ.

އިމާރާތް ކުރަން ބޭނުންވާ ތަކެތީގެ ތެރެއިން ހަ ބާވަތެއް، ސަރުކާރުގެ ހުއްދަނެތި ރާއްޖެ އެތެރެކުރުމާއި އުފެއްދުން މަނާ ކޮށްފައި ވާއިރު، އެގޭތެރޭގައި ސިމެންތިއާއި ކޮންކްރީޓަށް ބޭނުންވާ ހުރިހާ ގްރޭޑެއްގެ ހިލައާއި، ހުރިހާ ވައްތަރެއްގެ ވެއްޔާއި، ސްޓްރަކްޗަރަލް ދަގަނޑުގެ އިތުރުން ހުރިހާ ގްރޭޑެއްގެ ރެޑީ މިކްސް ކޮންކްރީޓް އަދި އިމާރާތް ކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ގާ ހިމެނެއެވެ. މި ބާވަތްތައް ރާއްޖެ އެތެރެކޮށްފިނަމަ އެތަކެތި މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓާނެކަމަށް ވަނީ އަންގާފައެވެ.

މި ހަ ބާވަތުގެ ތަކެތި ޕްލޭނިން މިނިސްޓްރީގެ ހުއްދަ ނެތި އެތެރެކުރުމާއި އުފެއްދުން މަނާކުރީ، އެތަކެއްޗަކީ އެންމެ ރަނގަޅު ފެންވަރުގެ ތަކެތި ކަމަށް ހެދުމުގެ ބޭނުމުގައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މި ތަކެތި އެތެރެކުރުމުގެ ހުއްދަ ލިބޭނީ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު ގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހަމަޖެއްސުމަކީ، ދެއުޅިއެއް ނުވާ ކަމެއް ކަމަށް ޓްރޭޑް ޔޫނިއަނުން ބުނެއެވެ.

ޓްރޭޑް ޔޫނިއަނުން ބުނީ، ރާއްޖޭގެ އިގްތިސޯދަކީ، އެތެރެކުރުން ހަނިކޮށްކޮށްފައިވާ ބާވަތްތައް އުފައްދާ ގައުމަކަށް ނުވާއިރު، އެތަކެތި އުފައްދާ އެކްސްޕޯޓްކުރާ ގައުމުތަކަކީ، އެތަކެތި ސްޓޭންޑަޑައިޒްކޮށް ފެންވަރު ހިފަހައްޓާނެ ނިޒާމުތައް ގާއިމު ކޮށްފައިވާ ގައުމުތަކެއް ކަމަށެވެ. އަދި އެބާވަތްތަކުގެ ރޯ މެޓީރިއަލް އުފައްދާ ކުންފުނިތަކަކީވެސް އެކުންފުނިތަކުގެ އެތެރޭގައި ސްޓޭންޑަޑައިޒް ކުރުން ތަންފީޒުކުރާ ކުންފުނިތަކެއް ކަމަށް ޓްރޭޑް ޔޫނިއަނުން ބުނެއެވެ.