މާލޭ ގެއަކަށް ގަދަކަމުން ވަދެ ޝައިމް އަބްދުﷲގެ ހޯދައިފިއެވެ.

ފުލުހުން ބުނީ، މާލޭ ގެއަކަށް ގަދަބާރުން ވަދެ، ފުލުހުންގެ ބެލުމުގެ ދަށަށް ޝައިމް ގެންގޮސްފައިވާ ކަމަށެވެ.

އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލިގެ ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ހޯދާތާ މިއަދަށް 13 ދުވަސް ވީއިރު ފުލުހުން ވަނީ، އޭނާ ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަން ފުލުހުން ހާމަކޮށްފައި ވާއިރު، މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް އަދި ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ޝައިމް އަކީ 2009 ވަނަ އަހަރުން ފެށިގެން ޖެންޑާ މިނިސްޓްރީ އަށް އޭނާގެ އެކި މައްސަލަތައް ހުށަހެޅެމުންދާ ކުއްޖެކެވެ. އެގޮތުން، ދެފަހަރެއްގެ މަތިން ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ޝައިމް ގެންގުޅެފައި ވާއިރު، ހުސްވި މަހުގެ ތިން ވަނަ ދުވަހު އޭނާ ކުޑަކުދިންގެ ހިޔާއަށް ގެންދިޔައީ އޭނާ ކުށުގެ ވެހީގައި އުޅެމުން ދަނިކޮށެވެ. ނަމަވެސް، ޝައިމްގެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު އޭނާ ކުޑަކުދިންގެ ހިޔާއިން ފިލައިގެން ދިއުމާއި ގުޅިގެން އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދުމާއި ގުޅިގެންނެވެ.

ޝައިމްގެ މައްސަލައިގެ ތަފްސީލު ހާމަ ކުރުމާއި ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް މީހުންގެ ފާޑުކިއުން އަމާޒުވެފައިވާއިރު، އޭނާގެ މައްސަލަ ދަނީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަދި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވެސް ބަލަމުންނެވެ.