ނުސީދާ ގޮތުން ދިވެހިރާއްޖޭގެ ހައިބަތަށް އުނިކަން ލިބޭފަދަ މޭރުމަކުން ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ޑރ ރަޖީތާ ސެނެރަތުނަ، ވާހަކަފުޅު ދައްކަވައިފިއެވެ.

1948 ވަނަ އަހަރަށް ބަލާއިރު ސްރީލަންކާ އެގައުމެއްގެ ފަހަތުގައި އޮތް ހަމައެކަނި ގައުމަކީ ޖަޕާނު ކަމަށާ، ނަމަވެސް މިއަދު ސްރީލަންކާ އޮތީ ބަންގްލަދޭޝްގެ އިތުރުން ދިވެހިރާއްޖެއަށް ވުރެވެސް ފަހަތުގައި ކަމަށް ސެނެރަތުނަ ވަނީ ވިދާޅުވެފައެވެ.

މިއީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއިން އިގުތިސޯދީ ރޭހުގައި ހޯދަމުން އަންނަ ކުރިއެރުންތަކަށް ދެރަބަސް ބުނުން ފަދަ އަމަލެއްގެ ގޮތުގައި ސިފަކުރެވޭ އިރު، ސްރީލަންކާގެ ޚަބަރުތައް ބުނާ ގޮތުގައި އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވަނީ ވެރިރަށް ކޮޅުނބުގައި ކުރިއަށްދިޔަ އިވެންޓެއްގައެވެ. އަދި މިފަދަ މޭރުމަކުން އޭނާ ވާހަކަފުޅު ދައްކަވާފައި ވަނީ ގައުމު އެއްބައި ވަންތަ ކުރުވާ، އެކަތިގަނޑަކަށް ހެއްދެވުމުގެ ރޫހުގައިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ ނިސްބަތް ނުވަތަ ޖީޑީޕީ ޕާ ކެޕިޓާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސްރީލަންކާގެ ޖީޑީޕީ ޕާ ކެޕިޓާ އަކީ 4065.22 އެމެރިކާ ޑޮލަރެވެ. ދިވެހިރާއްޖޭގެ ޖީޑީޕީ ޕާ ކެޕިޓާއަކީ 10353.79 އެމެރިކާ ޑޮލަރެވެ.