އައި.ވީ.އެފްގެ އެހީގައި މީހުން ބަލިވެއިންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ފަހުގެ ހޯދުންތައް ބުނާ ގޮތުގައި، އައިވީއެފްގެ ފަރުވާ ހޯދާ ކޮންމެ 4 މީހަކުން 1 ބަލިވެއިނދެއެވެ. އައިވީއެފް ފަރުވާގެ އެހީގައި ބަލިވެ އިނުމަށް މަސައްކަތްކުރާ މީހުންގެ ތެރެއިން 27.1 ޕަސެންޓް މީހުން ބަލިވެއިންނައިރު، އައިސީއެސްއައި ފަރުވާގެ އެހީގައި ބަލިވެއިންނަ ނިސްބަތް އުޅެނީ ގާތްގަނޑަކަށް 24.3 ޕަސެންޓްގައެވެ.

އައިވީއެފް ފަރުވާއަކީ އަންހެން މީހާގެ ބިހާއި ފިރިހެން މީހާގެ ދަރިފަނި ލެބްރޯޓްރީއެއްގައި އެއްކޮށްގެން، ދަރިމައިކުރުމަށްފަހު އަންހެން މީހާގެ ރަހިމުގައި އެ ދަރިފުޅު އަށަގެންނަވައިގެން ދެވޭ ފަރުވާއެކެވެ. އައިވީއެފްއަށް އާންމުކޮށް ދަނީ ދަރިމައިވުމުގައި އަންހެން މީހާގެ ހަށިގަނޑުގައި މައްސަލައެއް އުޅޭ ހާލަތްތަކުގައެވެ. އައިސީއެސްއައިއަށް އާންމުކޮށް ދަނީ، ފިރިހެން މީހާގެ ފަރާތުން މައްސަލައެއް ފާހަގަވާނަމައެވެ.

ކަންމިހެން އޮތް ނަމަވެސް، އަންހެން މިހާގެ އުމުރުން 40 އަހަރަށްވުރެ މައްޗަށް ދިއުމުން އައިވީއެފް ހެދުމުގައި ނުރައްކާތަކެއް ހުރި ކަމަށް ބުނާ ހޯދުންތަކެއްވެސް އެބަހުއްޓެވެ. މިހާލަތުގައި، އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައިވަނީ ޔުނިވާސިޓީ އޮފް ކޯޕަން ހޭގަންއިން ކުރި ދިރާސާއެއްގައެވެ.

އައި.ވީ.އެފްގެ އެހީގައި މީހުން ބަލިވެއިންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށް ބުނާ ދިރާސާ އާންމުކޮށްފައިވަނީ، ޔޫރަޕިއަން ސޮސައިޓީ އޮފް ހިއުމަން ރީޕްރޮޑަކްޝަން އެންޑް އެމްބްރޯޔޮލޮޖީގެ ބައްދަލުވުމެއްގައެވެ.