އދގެ ސަލާމަތީ މަޖިލީހުގެ މުއާހަދާގެ ދަށުން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަދަލެއް ގެންނަންޖެހޭ ކަމަށް އެމެރިކާއިން ގަބޫލު ނުކުރާކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވެރިކަމުގައި ހުންނެވި ރައީސަކު ފުރަތަމަ ފަހަރަށް އުތުރު ކޮރެއާގައި ފައިންޕުޅު ބީއްސެވި ވަގުތާ ދިމާކޮށް، ކުރެއްވި ޓްވީޓެއްގައި ޕޮމްޕޭއޯ ވިދާޅުވީ، ސުލްހައިގެ މަޝްވަރާ ތަކައިގެން ކުރިއަށް ދާއިރު، އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަމަ އެގޮތުގައި އޮންނަން ޖެހޭނެ ކަމަށް އެމެރިކާއިން ދެކޭ ކަމަށެވެ.

އަދިވެސް ޒާތެއްގެ ހަނގުރާމައެއް ކުރަމުންދާ އުތުރު ކޮރެއާއާއި އެމެރިކާގެ ލީޑަރުން ވަނީ ދެކޮރެއާ ހިއްސާކުރާ ސަރަހައްދީ އިމުގައި އޮންނަ ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދު (ޑީއެމްޒީ)ގައި ބައްދަލު ކުރައްވައި، ސަލާމް ކުރައްވާފައެވެ. ފިނި ހަނގުރާމައިގެ މައިދާން ކަމުގައިވި މި ސަރަހައްދުގައި ދެ ގައުމުގެ ލީޑަރުން ސަލާމް ކުރައްވާފައި ވަނީ، ސުލްހައިގެ ރަމްޒެއްގެ ގޮތުގައި ކަމަށް ވެއެވެ. އެއަށްފަހު، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާއި ޓްރަމްޕް ވަނީ ގާތްގަނޑަކަށް ގަޑިއެއް ހާއިރު ވާންދެން ސިއްރު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ. މިމަޝްވަރާތައް ނިންމަވާ ލެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ކުރިއަށް ދިޔައީ "ވަރަށް ރަނގަޅު" މަޝްވަރާތަކެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ) އުތުރު ކޮރެޔާއަށް ހުރަސްކުރައްވަނީ/ފޮޓޯ: އޭއެފްޕީ

ޕޮމްޕޭއޯ ވަނީ މި ޖުލައި މަހުގެ ތެރޭގައި ދެގައުމުގެ އިތުރު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިމަޝްވަރާތައް ކުރިއަށްދާނީ އުތުރު ކޮރެއާގެ ހާރިޖީ ވުޒާރާގެ އޮފިޝަލުންނާ އެކުގައިކަންވެސް ޕޮމްޕޭއޯ ވަނީ ފާހަގަކުރައްވާފައެވެ.