ސޫރިޔާގެ ހަނގުރާމައިން ސަލާމަތް ވުމަށްޓަކައި ރެފިއުޖީއެއްގެ ގޮތުގައި ވިލާތަށް ދިއުމަށް އާއިލާއާއެކު ދަތުރުފެށި އުމުރުން އެންމެ 2 އަހަރުގެ އަލާން ކުރުދީ، ކަނޑުވެ މަރުވެގެން ގޮނޑުދޮށަށް ލައްގާފައި އޮތް ފޮޓޯއަކީ މުޅި ދުނިޔެ ގުގުމާލި ފޮޓޯއެކެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި، އެ ފޮޓޯއަކީ ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ބިރުވެރިކަން އެއް ތަސްވީރަކުން ބުނެދޭ ހަމައެކަނި ތަސްވީރެވެ. 2015 ވަނަ އަހަރުގެ އެ ހާދިސާއަކީ ގިނަ ބަޔަކު އަދިވެސް ހަނދާން ހުންނަ ހާދިސާއަކަށް ވާއިރު، އަލާން ކުރުދީގެ މައްޗަށް ބިނާކޮށް ފިލްމެއް ހެދުމަކީ ގަބޫލުކަމެއް ނޫންކަމަށް އޭނާގެ އާއިލާއިން ދިރިބި މެމްބަރުން މިހާރު ވަނީ ބުނަން ފަށާފައެވެ.

އަލާން ކުރުދީ (ވ) އޭނާގެ އާއިލާ މެމްބަރަކާއެކު/ފޮޓޯ: އާއިލާ

އަލާން ކުރުދީ އާއި އޭނާގެ މަންމަ ރިހާނާ އަދި 4 އަހަރުގެ ބޭބެ ޣާލިބު، ސޫރިޔާ ދޫކޮށް ގްރީސްއަށް ދަތުރުފެށީ ރަބަރު ބޯޓުގަނޑެއްގައެވެ. އެއީ 2015 ވަނަ އަހަރުގެ ސެޕްޓޭމްބަރު މަހެވެ. މަންޒިލާ ހަމައަށް ނުދެވެނީސް، އެއިގަން ކަނޑަށް ބޯޓު ބަންޑުން ޖަހާލީއެވެ. އެއަށްފަހު ދެން ފެނުނީ ތުރުކީވިލާތުގެ ގޮނޑުދޮށަށް، އަލާންގެ ފުރާނަ ނެތް މަސްގަނޑު ލައްގާފައި އޮއްވައެވެ. ބަނޑުވަތަށް ކަހަލަ ގޮތަކަށް އަލާންގެ ހަށިގަނޑު އޮތްއިރު، އެ މަސްގަނޑުގައި ދިރުމެއް ނެތް ކަމަށް އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވުނެއެވެ. އެ ތުއްތު ކުއްޖާ، ދެލޯ ހުޅުވާލުމަށްފަހު ހަމަ ދެންމެ ދެންމެ ހީނލަފާނެހޭ ހިތްބުނަމުން ދިޔައެވެ. ކެމެރާމަނުގެ ލެންސުން ކުރަހާލި މިމަންޒަރު ވީ، ސޫރިޔާގެ ރެފިއުޖީންނަށްޓަކައި ވިލާތުގެ ސަރަހައްދީ އިން ހުޅުވާލުމަށް އެ ނުފޫޒުގަދަ ވިލާތުގެ އިއްތިހާދަށްވެސް މަޖުބޫރުކުރުވި ފޮޓޯއަކަށެވެ.

އަލާން ކުރުދީގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ދަ ނިއު ޔޯކް ޓައިމްސް

މި ލިބުނު ސަމާލުކަން ފިލްމީ ސިނާއަތަށްވެސް ކުރީއެވެ. "އައިލާން ބޭބީ (ސީ އޮފް ޑެތް)" ގެ ނަމުގައި ވަރުގަދަ ފިލްމެއްގެ މަސައްކަތް ކުރިއަށްދަނީއެވެ. މަންޒަރުތައް ނަގަމުންދަނީވެސް ތުރުކީވިލާތުގައެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ބަތޮލް ސްޓީވަން ސީގަލްވެސް ހިމެނެއެވެ. "އައިލާން"ގެ ނަމުން ފިލްމަށް ނަންދީފައިވަނީ، އަލާންގެ މަރުގެ ޚަބަރު ފުރަތަމަ ރިޕޯޓްކުރެވިގެން ދިޔައިރު އޭނާގެ ނަން ލިޔަމުން އާއި ގޮތަށް ރިއާޔަތްކޮށެވެ.

އަލާންގެ ނާމާން ދަތުރުގެ ވާހަކަތަކަށް ފިލްމެއް ހެދުމަކީ މިއަދު އޭނާގެ އާއިލާއިން ގަބޫލުކަމެއް ނޫނެވެ.

އަލާން ކުރުދީގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: އޭޖޭ

އާއިލާގެ ފަރާތުން މީޑިއާއާއި ވާހަކަ ދައްކަނީ، އަލާންގެ ބޮޑުދައިތައެއް ކަމަށްވާ ތީމާ ކުރުދީއެވެ.

"އަހަރެންނަށް ޚަބަރު ލިބުނީ އަލާންގެ ބައްޕަގެ ފަރާތުން. އޭނާވެސް ހަމަ ރޮނީ. އަލާންގެ ވާހަކައަށް ބިނާކޮށް މީހަކު ފިލްމެއް ހަދާފާނެ ކަމަކަށް އެ ބައްޕަވެސް ގަބޫލެއް ނުކުރޭ. ރަނގަޅަށް ވާހަކަވެސް ނުދެއްކި އުޅެނިކޮށް މިދުނިޔެއާއި ވަކިވި އެ ފުރާނަ، ފިލްމެއްގެ ސިފާގައި ދިރިގެން އަންނަތަން ބަލަން އެ ބައްޕައަށް ކެއް ނުވާނެ ކަމަށް އަހަރެން ގާތު ބުނި"
އަލާން ކުރުދީގެ ބޮޑުދައިތައެއްކަމަށްވާ ތީމާ ކުރުދީ

އަލާންގެ ބައްޕަ، ޢަބްދުﷲ ކުރުދީ މިހާރު ދިރިއުޅެމުންދަނީ އިރާގުގައެވެ.

އަލާންގެ މައްޗަށް ބިނާކޮށް ފިލްމު ހަދަމުންދަނީ ތުރުކިވިލާތުގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އުމަރު ސަރިކާޔާއެވެ. އޭނާގެ އުއްމީދަކީ މި ފިލްމު ނެޓްފްލިކްސްއަށް ވިއްކާލުމެވެ. އަދި ބައިނަލްއަގުވާމީ ފިލްމް ފެސްޓިވަލްތަކުގައި މި ފިލްމް ސްކްރީން ކުރުމެވެ.

"ދަ ބޯއީ އޮން ދަ ބީޗް"ގެ ނަމުގައި އަލާންއަށް ހާއްސަކޮށްގެން ފޮތެއް ލިޔުނު ތީމާ ކުރުދީ ބުނީ، އެ ވާހަކައިގެ މައްޗަށް ބިނާކޮށް ފިލްމު ހަދަން ބޭނުންވެގެން އެތައް ބަޔަކު ހުށަހަޅަމުން ދާކަމަށާ، ނަމަވެސް، އެ ހުރިހާ ހުށަހެޅުމަކަށްވެސް އާއިލާއިން އިންކާރު ކޮށްފައި ވާނެކަމަށެވެ. އަދި މިހާރު ހަދަމުންދާ ފިލްމާ ގުޅިގެން އާއިލާއާއި މަޝްވަރާކޮށްފައި ނުވާކަމަށްވެސް އަލާންގެ އާއިލާއިން ބުނެއެވެ.

ސަރިކާޔާ ބުނާ ގޮތުގައި މި ފިލްމަކީ ހަމައެކަނި އަލާންގެ ފިލްމެއް ނޫނެވެ. މިއީ އެއަށްވުރެ ބޮޑަށް، ރެފިއުޖީންގެ ކާރިސާއަށް އަލިއަޅުވާލާ ފިލްމެކެވެ. އަދި ފިލްމުގެ ނަން ބަދަލުކުރަން މިހާރު މާ ލަސްވެއްޖެ ކަމަށްވެސް ސަރިކާޔާ ވަކާލާތު ކުރެއެވެ.

ސަރިކާޔާ ބުނާ ގޮތުގައި މި ފިލްމަށް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ އިންސާނީ އެހީގެ ދާއިރާތަކަށެވެ. ފިލްމުގައި މަސައްކަތްކުރާ އެއްވެސް މީހަކީ އުޖޫރައަކަށް މަސައްކަތްކުރާ މީހެއް ނޫންކަމަށްވެސް ސަރިކާޔާ ބުނެއެވެ.