ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ގެނެސް ކަރެކްޝަނާ ހަވާލުކުރާނީ މި ސަރުކާރުން ކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ކޯލިޝަން ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަލީ ޒާހިރު މިހެން ވިދާޅުވީ ސަރުކާރުން ލުތުފީ ގެންނަން މަސައްކަތް ނުކުރާ ކަަމަށާ، ގެންނާނެކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަޅުވަމުން ދަނީ އަދުނެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.
އަލީ ޒާހިރު ވިދާޅުވީ ބަޔަކު މީހުން ނުކޮށް ދޫކޮށްލި ކަމެއްގެ ވާހަކަ ދައްކަވަން ބޭނުފުޅު ނުވާ ކަމަށެވެ. އަދި ލުތުފީ މާލެ ގެނެސް ކަރެކްޝަނާ ހަވާލުކުރާނީ މި ސަރުކާރުން ކަމަށާ، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެނައި ގޮތަށް ގާނޫނާ ހިލާފަށް ނޫން ކަމަށެވެ. އަދި ލުތުފީ ގެނައުމުގެ މަސައްކަތް ކުރާނީ ދެ ގައުމުގެ ގާނޫނީ އިމުގެ ތެރެއިން ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
ޝުމްބާ ހައްޔަރުކުރީ ނޮވެމްބަރު 1، 2015 ގައި ލަންކާގައި ހުއްޓާ ދިވެހި ފުލުހުންނެވެ. އެއިރު ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްރީލަންކާގައި ހުއްޓާ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ލުތުފީ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ލަންކާ ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތްތައް ނިމުމުން ލުތުފީ ރާއްޖެ ގެންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ލުތުފީ ރާއްޖެ އަންނަން އެދިގެން އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔައީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެވާހަކަތައް ދޮގުކުރައްވައި ލުތުފީ އެމްބަސީއަށް ދިޔައީ އެޕްރީލް 20 ގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.