ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ރާއްޖެއަށް ދީފައިވާ 1000 މީހުންގެ ކޯޓާގެ ތެރެއިން 550 ޖާގަ ހައްޖުކޯޕަރޭޝަނަށް ނަގައިފިއެވެެ.
އެ ކޯޕަރޭޝަނުން ބުނީ މިއަހަރު ދިވެހިރާއްޖެއަށް ސައުދީ ސަރުކާރުން ދީފައިވާ ފުރަތަމަ ކޯޓާގެ 1000 ޖާގައިން އެ ކޯޕަރޭޝަނަށް 550 ޖާގަ އިސްލާމިކް މިނިސްޓްރީން ދީފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 80 ޖާގަ ވަނީ އިސްލާމިކް މިނިސްޓްރީން ޝާއިއުކޮށްފައިވާ "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ރިޒާވްކޮށްފައި ކަމަށެވެ.
އަދި އެ ކޯޕަރޭޝަންގެ ބޭނުމަށް ލިބިފައިވަނީ 550 ޖާގައިގެ ތެރެއިން 470 ޖާގަކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ މިހާތަނަށް 514 ފަރާތަކަށް ހައްޖައް ދިއުމަށް ޖާގަ ލިބުނުކަމުގެ ދައުވަތު ފޮނުވާފައިވާ ކަމަށެވެ. އަދި މީގެތެރެއިން އެކިއެކި ސަބަބުތަކައްޓަކައި 75 މީހަކު ވަނީ މިއަހަރު ހައްޖަށް ދެވެން ނެތް ވާހަކަ އަންގާފައި ކަމަށާއި، މިއަދާ ހަމައަށް 439 ފަރާތަކުން ވަނީ ދައުވަތު ގަބޫލުކޮށްފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖަށް ދިޔުމަށް މިހާތަނަށް ދައުވަތު ދެވިފައިވާ 514 ފަރާތުގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ލިސްޓް އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި "ހައްޖު 2019" ޓެބްގެ ދަށުން ބޭނުންވާ ކޮންމެ މީހަކަށް ބެލޭނެހެން އާންމު ކުރެވިފައިޟވާނެ ކަމަށެވެ.
މީގެ އިތުރުން އެ ކޯޕަރޭޝަނުން ހައްޖަށް ދިއުމަށް ޖާގަ ދިނުމުގައި އަމަލު ކުރަމުން ގެންދަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހިދުމަތް ހޯދުމާއިބެހޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ހައްޖަށް ދިއުމަށް ޖާގަ ދެވޭނީ ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވެ، ހައްޖުގެ ޖުމްލަ އަގުގެ 75 ޕަސެންޓް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތަރުތީބުންނެވެ.