މިއަދު މާމިގިލި އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ފުލައިޓަކަށް އަރާ އަންހެނެއްގެ އަތުން ކުޑަކުއްޖަކު އަތުލަން އުޅެފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރި ކަމަށެވެ. ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހެނދުނު 10:18 ގައި ފްލައިމީގެ ވީޕީ605 ގެ ބޯޓު ފުރަން ތައްޔާރު ވެފައި ވަނިކޮށް، އެއާސައިޑަށް ވަދެވޭ ގޮތަށް ހުންނަ ގޭޓުން އާންމުންގެ މީހަކު ވަނީ ދުވެފައިގޮސް ފްލައިޓަށް އަރައި، ބޯޓުގައި އިން އަންހެނެއްގެ އަތުން ކުޑަކުއްޖަކު އަތުލައިފައި ކަމަށެވެ.

އަދި މި ހާދިސާ ހިނގި ވަގުތު ސެކިއުރިޓީ ޗެކްޕޮއިންޓުގައި އިން އޮފިސަރަށް އިޖާބަ ނުދީ ދުވެފައިގޮސް ބޯޓަށް އެރި މީހާ ފަހަތުން އެ އޮފިސަރު ގޮސް ވަނީ އެމީހާ ބޯޓުން ބާލުވައި ފުލުހުންނާ ހަވާލުކޮށްފައިކަމަށް އޭވިއޭޝަން ކޮމާންޑުން ބުނެއެވެ.

އެ އިދާރާއިން ބުނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކުރާ ކަމަށެވެ.