މިދިޔަ މޭ މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ޖުމުލަ 212 މައްސަލަ ރިޕޯޓުކޮށް، އެ މިނިސްޓްރީން އެޓެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ މޭ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކުރި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 111 މައްސަލަ، ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ ތިން މައްސަލައިގެ އިތުރުން އާއިލީ 21 މައްސަލަ، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ އަށް މައްސަލަ އަދި ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 10 މައްސަލަ ހިމެނެއެވެ. އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 42 މައްސަލައިގެ އިތުުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 111 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މިއީ މޭ މަހު ރިޕޯޓު ކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 52 އިންސައްތައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައާއި ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ހާނީއްކައިގެ 34 މައްސަލަ އަދި ޖިސްމާނީ ހާނީއްކައިގެ 34 މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލު ވުމުގެ 27 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 10 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ހަތަރު މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ދެ މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ.
ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ ތިން މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ ދެ މައްސަލަ އަދި އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ މައްސަލައެއް ހިމެނެއެވެ. އާއިލީ 21 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާ ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 16 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ ހަތަރު މައްސަލައާއި ދަރިންގެ ހަރަދު ދިނުމުގައި ދިމާވި މައްސަލައެއް ހިމެނެއެވެ.
ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ އަށް މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ދެ މައްސަލަ އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއް ހިމެނޭއިރު، ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 10 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ފަސް މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ ދެ މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 42 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން 15 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓު ކޮށްފައި ވެއެވެ. މީގެ އިތުރުން، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ އަށް މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ފަސް މައްސަލަ، އިހުމާލުވުމުގެ ހަތަރު މައްސަލަ، ރޭޕްކުރުމުގެ ތިން މައްސަލަ، ޖިންސީ ހާނީއްކަ ކުރުމުގެ ދެ މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ ދެ މައްސަލައިގެ އިތުރުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދެ މައްސަލަ އަދި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް މީގެ ތެރޭގައި ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން 15 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައި ފައިވާ 12 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ތިން މައްސަލައެވެ. އަދި މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ދެ މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.