އިންޑިއާގެ އެކި ހިސާބުތަކަށް މިހާރު ކުރިމަތިވެފައިވާ ފެން ނުލިބުމުގެ މައްސަލައާއި ގުޅިގެން އެގައުމުގައި އާ ވުޒާރާއެއް އުފައްދައިފިއެވެ.

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ހިތޯބުގައި ނަރޭންދްރާ މޯދީ ވަނީ، އަލަށް އުފެއްދެވި "ޖަލާޝަކްތީ މިނިސްޓްރީ"އަކީ، ފެނާ ގުޅުންހުރި މައްސަލަތަކުގައި ވީހާވެސް އަވަހަށް ކަންކަން ނިންމުމަށް އެހީވެދޭނެ ވުޒާރާއެއް ކަމަށެވެ.

ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކޮންމެ މަހަކު އެއްފަހަރު ދެއްވާ ހިތޯބު ނުވަތަ "މާން ކީ ބާތު"ގެ މިފަހަރުގެ ހިތޯބުގައި މޯދީ ވަނީ އިންޑިއާއަށް ކުރިމަތިވެފައިވާ ފެނުގެ ކާރިސާއަށް އަލިއަޅުއްވާލައްވާ، ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.

ކޮންމެ އަހަރަކީވެސް އިންޑިއާގެ އެކި ސަރަހައްދުތަށް ފެނަށް ޖެހެމުންދާ އަހަރަކަށްވެފައިވީ ނަމަވެސް، އިންޑިއާއަށް ކުރާ ވިއްސާރައިން ފަހަށް ރައްކާކުރެވެނީ އެންމެ 8 ޕަސެންޓް ފެންކަމީ ހައިރާންވާންޖެހޭކަމެއްކަމަށް މޯދީ ވިދާޅުވިއެވެ. އެހެންކަމުން ސާފު ފެން ރައްކާކުރުމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ފަހަށް ފެން ރައްކާކުރުމަށް އިހު ޒަމާނުގައި ކަންކޮށް އުޅުނު ގޮތް އެނގޭ ފަރާތްތަކުން އެކަންކަން ހިއްސާކުރުމަށްވެސް މޯދީ ވަނީ ގޮވާލައްވާފައެވެ.

"މާން ކީ ބާތު" ހިތޯބަކީ، ކޮންމެ މަހެއްގެވެސް އެންމެ ފަހު އާދީއްތަ ދުވަހު ދެއްވާ ގޮތަށް ހަމަޖެހިފައި އޮންނަ ހިތޯބެކެވެ.