ދެކޮރެޔާ ހިއްސާކުރާ ސަރަހައްދީ އިމުގައި އޮންނަ ހަމަލާ ބަދަލުކުރުން މަނާ ޒޯން (ޑީއެމްޒީ)ގައި ހުންނެވުމަށްފަހު، އުތުރު ކޮރެޔާއާއި ވީ ފަޅިއަށް ހުރަސްކުރެއްވީ ދެގައުމުގެ މެދުގައި އޮތް ބަދު ނަސީބު މާޒީ ނައްތާލެއްވުމަށްފަހު މުސްތަގުބަލުގެ އާ ގުޅުމަކަށް ކުރައްވާ އުއްމީދުގެ ރަމްޒެއްގެ ގޮތުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހުގެ ވަގުތެއްގައި، އުތުރުކޮރެޔާގެ ލީޑަރު ކިމް ޖިންގް އުންއާއި ޑީއެމްޒީގައި ބައްދަލުކުރެއްވުމަށްފަހު، އުތުރު ކޮރެޔާއާއި ވީ ފަޅިއަށް ޓްރަމްޕް ހުރަސްކުރެއްވީ ކިމްގެ އިޒުނަފުޅާވެސް އެކުގައެވެ.

މިއީ އެމެރިކާގެ ރައީސަކު، ވެރިކަމުގެ ދައުރުގައި އުތުރު ކޮރެޔާގައި ފައިންޕުޅު އެޅުއްވި ފުރަތަމަ ފަހަރެވެ.

މިއަދުގެ ތާރީހީ މުނާސަބާއަށް އިޝާރާތްކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އާދައިގެ ކަމެއް ނޫންކަމަށާ، މިއީ މުޅިދުނިޔެއަށްވެސް ލިބުނު ހެވެއްކަމަށެވެ.

އަސްކަރީ ގޮތުން ހަނގުރާމައެއް ނުކުރިއެއްކަމަކު، އެމެރިކާއާއި އުތުރު ކޮރެޔާގެ ހަނގުރާމައަށް އަދިވެސް ރަސްމީ ސިފައެއްގައި ނިމުން އައިސްފައި ނުވާއިރު ދެގައުމުގެ ލީޑަރުންވަނީ ސުލްހައިގެ މަޝްވަރާތަކެއް ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަވާފައެވެ. މިއީ ޓްރަމްޕްއާއި އުންގެ 3 ވަނަ ބައްދަލުކުރެއްވުމެވެ.