ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ހަސަން ނަބާހު މިއަދު އިސްތިއުފާދެއްވައިފިއެވެ.

އެ ކޮމިޝަނުން އޭނާ އިސްތިއުފާ ދެއްވުމަށް ރައީސް އޮފީހަށް ސިޓީ ހުށަހަޅުއްވާފައި ވަނީ މިއަދެވެ. ނަމަވެސް ނަބާހް އިސްތިއުފާ ދެއްވާފައިވާ ސަބަބު ސާފުވާ ގޮތް ވަނީ ނުވެފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައިވެސް ބްރޯޑްކޮމްގެ މެންބަރު އަދި ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެން ވާ ބޮރޯޑްކާސްޓިންގް ކޮމިޝަންގައި މިހާރު ހުންނެވީ ފަސް މެންބަރުންނެވެ. އެއީ ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާގެ އިތުރުން ޒީނާ ޒާހިރާއި އަމްޖަދު ވަހީދާއި އައިމިނަތު ސަރާހަތެވެ.

އޭނާގެ އިތުރުން މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި ވެއެވެ. އެ ކޮމިޓީއަށް ޒައިނާ ވަޑައިގެން ނަމަވެސް ސޮފްވާން ވަޑައިނުގަންނަވައެވެ.

ވަކި ޗެނަލްތަކަކަށް އަމާޒުކޮށްގެން އެ ކޮމިޝަންގެ ބައެއް މެންބަރުން މައްސަލަތައް ހުށަހަޅައި ބަލާފައިވާ އިރު އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމެޓީގެ މެންބަރުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.