މިދިޔަ ހަފްތާގައި 34 އެކްސިޑެންޓްވެ، 20 މީހުންނަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަށް ފުލުހުން އާންމުކުރި މި ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ ހަފްތާއާ އަޅާ ބަލާއިރު، ހިނގި އެކްސިޑެންޓްތަކުގެ އަދަދު މަދުވެ، އަނިޔާވި މީހުންގެ އަދަދު ވަނީ ގިނަ ވެފައެވެ. އެގޮތުން މި ހަފްތާގައި 34 އެކްސިޑެންޓް ހިނގާ 20 މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނާއިރު، އޭގެ ކުރީ ހަފްތާގައި ހިނގާފައި ވަނީ 42 އެކްސިޑެންޓެވެ. އަދި މި އެކްސިޑެންޓް ތަކުގައި އަނިޔާވީ ހަތަރު މީހަކަށް ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްތަކުން ފުލުހުން ވަނީ ފަސް މީހެއްގެ ލައިސަންސް ހިފަހައްޓާފައެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން 1350 ވެހިކަލެއްގައި ވަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައެވެ. ޕާކިން ސްޓިކާ ޖެހި އަދަދު ވަނީ މިދިޔަ ހަފްތާގައި ގިނަ ވެފައެވެ. އެގޮތުން، އޭގެ ކުރީ ހަފްތާގައި ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައި ވަނީ 1014 ވެހިކަލެއްގައެވެ.

ފުލުހުން ބުނީ މި މުއްދަތުގެ ތެރޭގައި 591 ވެހިކަލެއް ޗެކްކޮށްފައިވާނެ ކަމަށެވެ. އަދި އެންމެ ގިނައިން ފާހަގަ ވެފައިވަނީ ލައިސަންސް ނެތި ދުއްވާ މައްސަލަ ކަމަށާއި، އޭގެ 117 މައްސަލައެއް ބަލާފައިވާ ކަމަށެވެ. މީގެ އިތުުރުން ލައިސަންސް އަތުގައި ނެތި 85 މީހަކު ހުއްޓުވާ ބަލާފައިވާ އިރު، ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ތިން މީހެއްގެ މައްސަލައިގެ އިތުރުން އަދި މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަން ނުދޭ ހަތަރު މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މިދިޔަ ހަފްތާގައި ފަސް ކާރު ޓޯކޮށްފައިވާ އިރު، 39 ސައިކަލު ވަނީ ޓޯކޮށްފައެވެ. އަދި ފޯނުން ވާހަކަ ދައްކަމުން ސައިކަލު ދުއްވި 24 މީހުންނާއި، ކަނޑައެޅިފައިވާ ލިމިޓަށް ވުރެ ބާރަށް ދުއްވި 82 މީހެއްގެ އިތުރުން، 18 އަހަރު ނުވެ ސައިކަލު ދުއްވި ދެ ކުއްޖަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ފުލުހުން ޗެކް ކުރި ވެހިކަލްތަކުގެ ތެރޭގައި ރޯޑްވާދިނަސް ހަމަވެފައިވާ، 42 ވެހިކަލާއި، އަހަރީ ފީ ހަމަވެފައިވާ 51 ވެހިކަލްގެ އިތުރުން އިންޝުއަރެންސް ނެތް 38 ވެހިކަލެއް ހިމެނެއެވެ.