މަރުގެ ހުކުމް ތަންފީޒުކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ސްރީލަންކާއިން ހުސްވެފައިވާ، ދަންޖައްސާދޭ މިހާގެ މަގާމަށް 43 އަހަރަށްފަހު 2 މުވައްޒަފަކު ރެކްރޫޓުކޮށްފިއެވެ.

ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ 4 މީހެއްގެ މައްޗަށް އެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

1976 ވަނަ އަހަރަށްފަހު ސްރީލަންކާގައި ދަންޖައްސައިގެން މީހަކު މަރާފައެއް ނުވެއެވެ.

ސްރީލަންކާގައި ދަންޖައްސާ މީހެއްގެ ވަޒީފާއަށް މީގެ ކުރިން ހަމަޖައްސާފައި ހުރި މީހާ، މީގެ 5 އަހަރުކުރިން މަގާމުން އިސްތިއުފާ ދިނީ ހުކުމް ތަންފީޒުކުރާ ސަރަހައްދު ފެނި، ޝޯކެއް ޖެހިގެންނެވެ. އެއަށްފަހު މިދިޔަ އަހަރު ރެކްރޫޓުކުރި މީހާވެސް ރަސްމީ ވާޒީފާއަށް ހާޒިރުވާންޖެހުނު ދުވަހުން ފެށިގެން ވަޒީފާއަށް ނިކުމެފައެއް ނުވެއެވެ.

ސްރީލަންކާގެ ގާނޫނު ބުނާ ގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ރޭޕް ކުރުމާ، ގަސްތުގައި މީހުން މެރުމަކީވެސް މަރުގެ ހުކުމް އިއްވޭ ޖިނާއި ކުށްތަކެކެވެ. ނަމަވެސް ފާއިތުވީ ބައިގަރުނެއްހާ ދުވަހުވެސް މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވާއިރު، ކުށްލި ގޮތަކަށް މިކަން ކުރަނީ، މިއަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ހޯއްދެވުމަށްކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.