ހަޔާތުގެ ބައިވެރިޔާގެ އަތުގައި ހިފާލުމަކީ "ލޯބި" ކަމެކެވެ. އިހުސާސްތަކާ ޖަޒުބާތުތަކަށް ދިރުން ގެނުވާ ކަމެކެވެ. ލޯބިވެރިޔާގެ އަތުގައި ހިފާލުމަކީ މިހާ ހިސާބުން އޭގެ ފައިދާތަކުގެ ވާހަކަ ނިންމާލެވޭ ވަރުގެ ކަމެއް ނޫނެވެ. ފަހުގެ ހޯދުންތައް ދައްކާ ގޮތުގައި، މި ކުޑަކުޑަ އިޝާރާތަކި އެތައް ގޮތަކުން ދެމަފިރިންނަށް ފައިދާ ލިއްބައިދެނިވި ހަރަކާތެކެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސްމެއެވެ.

އިހުސާސް ބަޔާންކޮށްދެވުން

ސައިކޮލޮޖިސްޓް މެތިއު ހާޓެންސްޓީން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ހޯދުންތައް ދައްކާ ގޮތުގައި، އަނެކުންގެ އަތުގައި އަތްޖައްސާލުމަކީ އިހުސާސްތައް ބަޔާންކޮށްދޭ އަމަލެކެވެ. މިއީ ތިބާ ކުރަމުންދާ އިހުސާސްތައް ލޯބިވެރިޔާއަށް އަންގައިދޭ ހަރަކާތެކެވެ. އެހެންކަމުން، ކަމަކާ ހިތް ނުތަނަވަސްވެ ހާސްވާ ގޮތްވުމުގެ ސަބަބުން، ހަޔާތުގެ ބައިވެރިޔާއާއި ކަމެއް ހިއްސާނުކުރެވިއްޖެނަމަ، އޭނާގެ އަތުގައި ހިފާލާށެވެ.

ދެ ލޯބިވެރިން އަތުގައި ހިފާލައިގެން/ފޮޓޯ: ސީކާޒް ގައިޑަންސް

ލޯބީގެ ހޯމޯން

އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގައި ކުރިއަށްގެންދިޔަ ދިރާސާއެއް ބުނާ ގޮތުގައި، އަތުގައި ހިފުމަކީ ލޯބީގެ ޖަޒުބާތާ ގުޅިފައިވާ ހޯމޯން އޮކްސިޓޯސިން އިތުރުކުރުވާ ކަމެކެވެ. މިއީ އަނެކުންނާ މެދު ހަމްދަރުދީ އުފައްދާ، އިތުރުބާރު ވަރުގަދަކޮށްދޭ ހޯމޯންއެކެވެ. ހަމައެހެންމެ، ދަމަފިރިކަމުގެ ގުޅުމަށްވެސް މި ހޯމޯންސްވެސް ސަބަބުން އެހީވެދެއެވެ.

ހާސްކަމާ ނުތަނަވަސްކަން ފިލުވާލުން

ހަޔާތުގެ ބައިވެރިޔާއާއެކު ބިރުވެރި ފިލްމެއް ބަލަން އިންދާ، އާދަޔާ ހިލާފަށް ބިރުވެރި ސީންއެއް އަތުވެއްޖެނަމަ ބޭ އިހުތިޔާރުގައި ނަމަވެސް އޭނާގެ އަތުގައި ހިފާލެވޭ ހެއްޔެވެ؟ މިގޮތަށް ބައިވެރިޔާގެ އަތުގައި ހިފާލަނީ ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ބޭނުންވާތީއެވެ. މިގޮތަށް ބައިވެރިޔާގެ އަތުގައި ހިފާލުމުން، ނުތަނަވަސްކަމާ، ބިރުވެރިކަން ހިތުން ފިލައިދެއެވެ. ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ ޖޭމްސް ކޯން ބުނާ ގޮތުގައި، ލޯބިވާ މީހެއްގެ އަތުގައި ހިފާލުމަކީ ސްޓްރެސްތަކާ ދުރުކުރާ ކަމަކެވެ. އަދި ހިތްހަމަޖެހުމާ ރައްކާތެރިކަމުގެ އިހުސާސްވެސް ކުރުވާ ކަމެކެވެ.

ތަދުކަނޑުވާ ކަސްރަތު

ގައިގައި ވޭނެއް އަޅާ ހިނދު ނުވަތަ ބޮޑު ބައްޔެއްގައި އޮންނައިރު ލޯބިވެރިޔާގެ އަތުގައި ހިފާ ބާރުކޮށްނުލެވޭ ހެއްޔެވެ؟ ޔުނިވާސިޓީ އޮފް ކޮލިރާޑޯ ބޯލްޑާޒްގައި ކުރިއަށްގެންދިޔަ ހޯދުންތަކުގެ ނަތީޖާ ދައްކާ ގޮތުން، ހަށިގަނޑުގައި ވޭނެއް އަޅާ ހިނދު، ލޯބިވާ ހަޔާތުގެ ބައިވެރިޔާގެ އަތުގައި ހިފާލުމަކީ ހަށިގަނޑުގެ ރިހުންތަކަށް ލުއި ލިއްބައިދޭ ކަމެކެވެ. އަދި މިއީ ހިތުގެ ހިނގުމާ ނޭވާލުމުގެ ރާގު، އެއް ހަމައަކަށް ގެނުވާ ކަމެއްވެސްމެއެވެ.

ހިތުގެ ފަރުވާ

ލޯބިވެރިޔާގެ އަތުގައި ހިފާލުމުން ހަށިގަނޑުގައި ދައުރުވެގެންދާ މަޑުހޫނުކަމުގެ އިހުސާސަކީ ތިބާގެ ސިއްހަތަށް އިންތިހާ ފައިދާ ލިއްބައިދެނިވި އިހުސާސެކެވެ. ބިހޭވިއަރަލް މެޑިސިން ޖާނަލްގައިވާ ހޯދުންތަކަށް ބަލާއިރު، އަނެކުންގެ އަތުގައި ހިފާލުމަކީ ލޭގެ ޕްރެޝަރު ދައްކުރުމަށް އެހީވެދޭ ކަމެކެވެ. ހަމަ އެހެންމެ، ހިތުގެ ސިއްހަތު ދުޅަހެޔޮ ކުރުމަށްވެސް އެހީވެދޭ ކަމެކެވެ.

ތިބާގެ ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ހުރި ތިބާގެ ހިތް އެންމެ އެދޭ ލޯބިވެރިޔާގެ އަތުގައި ހިފާލުމަށް ވަކި ސަބަބެއް އޮންނާކަށް ނުޖެހެއެވެ.