އުފަންވީ ބަރަންބަކީއަށެވެ. އާއިލާއިން ބޭނުންނެތިގެން އެއްލާލީ ލަކްނޯއަށެވެ. ނަމަވެސް ބޮޑުވާނީ ސްޕެއިންގައެވެ.

މިއީ އިންޑިއާއަށް އުފަންވި ވަރަށް ނިކަމެތި ކުއްޖެއްގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތުގެ ވާހަކައެވެ. މިހާރު އުމުރުން 9 އަހަރު ފުރިފައިވާ މި ފިރިހެން ކުއްޖާ ވަނީ ލަކްނޯގެ ޔަތީމުހާނާއެއްގައި 2 އަހަރު ދުވަސް ހޭދަކޮށްފައެވެ. އެއީ ކޮންމެވެސް ބައްޔެއްގައި އޭނާގެ މައިންބަފައިން، 2017 ވަނަ އަހަރު، މި ދުނިޔެއާއި ވަކިވި ހިސާބުންނެވެ.

މައިންބަފައިން މަރުވުމުން އާއިލާއިން އެކުއްޖާ ބޭނުމެއްނުވިއެވެ. ލަކްނޯއަށް ދަތުރު ކުރަމުންދިޔަ ރޭލެއްގެ ތެރެއަށް އެ މައުސޫމު ކުއްޖާ އެއްލާލީ އެ ކުއްޖާގެ ބޮޑު ބޭބެއެވެ. ނަސީބު ރަނގަޅު ކުއްޖަކީއެވެ. ލަކްނޯ ރޭލު ސްޓޭޝަންގައި ތިބި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ބަޔަކަށް އެ ކުއްޖާ ފެނުނެވެ. އަދި ޔަތީމު ހާނާއެއްގައި އެކުއްޖާ ބަލާ، ބޮޑުކުރަން ފެށިއެވެ.

2 އަހަރު ފަހަވެ. މި ކުއްޖާއަށް މިވަނީ މުޅިން އާ އާއިލާއެއް ލިބިފައެވެ. މި ކުއްޖާ މިހާރު ހުރި ޔަތީމު ހާނާގެ އޮފިޝަލަކު ވިދާޅުވީ، މި ކުއްޖާއާއި ހަވާލުވެފައިވަނީ ސްޕެއިންގެ ދެމަފިރިން ކަމަށެވެ. ރަސްމީ ލިޔެކިއުންތަކާ ގުޅުންހުރި ކަންކަން ނިންމުމަށްފަހު، އެ ދެމަފިރިން މި ކުއްޖާ ގެންދާނީ މެޑްރިޑަށެވެ.

އިންޑިއާގެ ލަކްނޯގައި ސަރުކާރުން ހިންގާ ޔަތީމުހާނާއެއްގެ އެޑޮޕްޝަން ސެންޓަރުގައި ތިބި ކުދިންތަކެއް/ފޮޓޯ: ހިންދުސްތާން ޓައިމްސް

ފާއިތުވީ 6 މަސްދުވަހުގެ ތެރޭގައި އެ ދެމެފަރިފިން ވަނީ އެތައް ފަހަރެއްގެ މަތިން މި ކުއްޖާއާ ބައްދަލުވެސް ކޮށްފައެވެ. މި ކުއްޖާ މިހާރު ދަނީ ސްޕެއިން ބަސްވެސް ދަސްކުރަމުންނެވެ. އެޑޮޕްޓްކުރުމުގެ މަސައްކަތްތައް ފާއިތުވީ 6 މަސްދުވަހުވެސް ކުރިއަށް ގެންދިޔައިރު، ސްޕެއިންގެ ދެމަފިރިން އިންޑިއާގައި ނުތިބޭ އިރެއްގައި ވިއްޔާ އެކުއްޖާއާ ވާހަކަ ދައްކަމުންދަނީ ވީޑިއޯ ކޯލު މެދުވެރިކޮށެވެ. އޮފިޝަލު ވިދާޅުވާ ގޮތުގައި އެކުއްޖާވެސް މިހާރު ހުރީ ސްޕެއިންއަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނަމަވެސް، ބައެއްގެ ލޯތްބާ އަޅާލުން ބޭނުންވި ދުވަހު އޭނާގެ އާއިލާގެ ގޮތުގައި އޮތް ޔަތީމުހާނާ ދޫކޮށް ދާންޖެހޭތީ އެކުއްޖާ ދެރަވެސްވެއެވެ.

ޔަތީމުހާނާގައި މަސައްކަތްކުރާ މީހަކު ބުނީ، އޭނާ ގެންގުޅުނު އަންނައުނުތަކާ، ކުޅޭ އެއްޗެހިވެސް، އެ ތަނުގައި ތިބި އޭނާގެ ގާތް ރަހުމަތްތެރިންނަށް މިހާރު ހަދިޔާ ކުރަން ފަށާފައިވާކަމަށެވެ.