ރާއްޖެ އަންނަ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާއާ ގުޅިގެން ކުރަން ފަށައިފައިވާ ކަމަށެވެ. އެގޮތުން، މިއީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާ "ގްލޯބަލް ޓްރެވެލްސް އެސެސްމަންޓް ސިސްޓަމް" (ޖީޓާސް) ޕްރޮގްރާމްގެ ދަށުން، އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ)ގެ ހާއްސަ އެހީގައި ހިންގޭ ޕްރޮޖެކްޓެއް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ، މި ނިޒާމް ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއް މިމަހު 17 އިން ފެށީގެން 25 އަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖީޓާސް ނިޒާމް ގާއިމްކޮށް މި ނިޒާމް ބޭނުން ކުރާނެ ގޮތުގެ ތަމްރީން ޕްރޮގްރާމެއް ކަމާގުޅޭ މުއައްސަސާތަކަށް ހިންގާފައިވާ ކަމަށާއި، މި ތަމްރީން ޕްރޮގްރާމުގައި ކަސްޓަމްސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްސްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ނިޒާމު ގާއިމު ކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައި ވާއިރު، ބައެއް އެއާލައިންތަކުން ފަސިންޖަރުންގެ މައުލޫމާތު ދުރާލާ މިހާރު ހިއްސާކުރަމުން ގެންދާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން ބުނީ މި މަސައްކަތް އަންނަ އަހަރު މުޅިން ނިމޭނެ ކަމަށާއި، ރާއްޖެ އަންނަ އަދި ފުރާ ހުރިހާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މި ނިޒާމް ގާއިމްކުރުމުގެ ސަބަބުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަސްޓަމްސް އިން ކުރާ މަސައްކަތްތަކުގައި ފަސިންޖަރުންގެ ފޮށިތަންމަތި ބަލާ ފާސްކުރުމުގެ ނިޒާމު ހަރުދަނާވެ، ހައި ރިސްކް ފަސިންޖަރުން ދުރާލާ ދެނެގަނެ، އެ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލާ ފާސްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން ބުނީ، މި ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފުރިހަމަވެގެން ދާއިރު ކަސްޓަމްސްގެ މަސައްކަތް ވަރަށް ބޮޑުތަނުން ހަލުވިވެ، އިގްތިސޯދީ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.