ހިޔާ މަޝްރޫއާ ބެހޭގޮތުން ދޮގު ހަބަރު ފަތުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއާ ގުޅޭ ގޮތުން ފަތުރާ ހަބަރުތަކަކީ ރައީސް ޔާމީނާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށްޓަކައި ފަތުރާ ހަބަރުތަކެއް ކަމަށާއި މި ސަރުކާރުން ގެންދަނީ ރައީސް ޔާމީން ފަށްޓަވައި ދެއްވި މަޝްރޫއުތަކާއި ގުޅޭގޮތުން ރައްޔިތުންނަށް ދޮގު މައުލޫމާތުދީ ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނާ މެދު ނަފްރަތު އުފެއްދުން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަން ފެށި ފްލެޓުތަކުގެ އަގު މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. އަދި އެ ފްލެޓުތަކަކީ މީހުން އުޅެން އެކަށީގެންވާ ގޮތަށް ފަރުވާ ކޮށްފައިވާ ތަނެއް ނޫން ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މި ސަރުކާރުން ބުނާ ގޮތުގައި ކުރީ ސަރުކާރުން ހިޔާ މަޝްރޫއުގެ ބައެއް މަސައްކަތްތައް ކުރުމަށްޓަކައި އެއްވެސް ބަޔަކާއި ހަވާލު ކޮށްފައި ނުވާ ކަމަށާއި، އެކަމަށް ބޮޑު ހަރަދުތަކެއްދާ ކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެޕާޓްމަންޓެއްގެ ކުއްޔަކީ މަހަކު 11000 ރުފިޔާ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭ ވަރުގެ ގާބިލުކަން ހުރި ސަރުކާރެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ވަނީ އެއްވެސް ޕްލޭނެއް ނެތި ވެރިކަމަށް އައުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.