ހައްގުތައް ކަށަވަރު ކުރުމަށް މަނަފަރު ރިސޯޓުގެ މައްސަލަ ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓާ އޮފް ޓުއަރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ، މަނަފަރު ރިސޯޓް މުވައްޒަފުންނާ މެނޭޖްމަންޓުގެ ހައްގުތައް ކަށަވަރު ކުރުމުގައި ސަރުކާރުން ފަހަތައް ނުޖެހޭނެ ކަމަށެވެ.

މަނަފަރު ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި ގިނަ މުވައްޒަފުން ތަކެއް މުޒާހަރާ ކުރަމުންދާ މައްސަލަ ފެންމަތިވެފައި ވާއިރު، މިމުޒާހަރާ ފެށިފައިވަނީ 50 އަށްވުރެ ގިނަ ދިވެހިން ވަޒީފާއިން ވަކިކުރަން އެ ރިސޯޓުގެ މެނޭޖްމަންޓުން ނިންމުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިކަމާ ހިތްހަމަނުޖެހި މިއަދު ފެށުނު މިމުޒާހަރާގައި އެރިސޯޓުގައި މަސައްކަތް ކުރާ ގިނަ ދިވެހި މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައެވެ.

މިނިސްޓަރު ވަހީދު ވިދާޅުވީ، މެނޭޖްމަންޓުން ނިންމާ ކޮންމެ ކުއްލި ނިންމުމެއް ނިންމާނީ މިނިސްޓަރަށް ނުވަތަ މިނިސްޓްރީ އަށް އަންގާފައި ނޫން ކަމަށާއި އެއީ އެކަން އޮންނަ ގޮތް ވެސް ނޫން ކަމަށެވެ. އަދި މިނިސްޓްރީގެ ސަމާލު ކަމަށް މި މައްސަލަ އައި ހިސާބުން މަޝްވަރާ ކޮށްގެން ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގާނޫނާ ގަވާއިދާ ހިލާފަށް މުވައްޒަފަކަށް ވިޔަސް އަދި މެނޭޖްމަންޓަކަށް ވިޔަސް ގެއްލުން ވިޔަ ނުދެއްވާނެ ކަމަށާއި، ޓުއަރިޒަމް އިންޑަސްޓްރީ އަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި ރާއްޖެއަށް އަދި ކޮންމެ ރައްޔިތަކަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައި ފަހުން ޖުމްލަ 8 އަތޮޅު އިންސްޕެކްޓް ކޮށްފައިވާ ކަމަށާއި، ސެޕްޓެމްބަރު މަސް ނިމޭއިރު، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހާލަތު ވަޒަންކޮށް ނިމޭނެ ކަމަށެވެ. އަދި ސަރުކާރުން އެންމެންނާ ގުޅިގެން ހައްލު ހޯދާނެ ކަމަށާއި، ސަރުކާރުން ވަކި ފަރާތަކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.