މި މަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲގެ މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތައްޔާރުކުރި ރިޕޯޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެޗްއާރްސީއެމުން މިއަދު ބުނީ، މިމަހު 18 ވަނަ ދުވަހު ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމްގެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތާ ގުޅޭ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދަނީ، ހައްސާސީ މައްސަލައެއްގެ ގޮތުގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެޗްއާރްސީއެމުން މި ރިޕޯޓް މަޖިލީހަށް ފޮނުވާފައިވާއިރު، ރައްޔިތުން މަޖިލީހުން ވަނީ ޝައިމްގެ މައްސަލައިގައި މިނިސްޓާ އޮފް ޖެންޑާ ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ. މި ކޮމިޓީއަށް ޝިދާތާ ހާޒިރު ކުރަން ނިންމާފައިވަނީ މިރޭ 8:00 ބާއްވާ ކޮމިޓީގެ ބައްދަލުވުމަށެވެ. މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރުގެ އަރިހުން މައުލޫމާތު ސާފުކުރެއްވުމާއި، މި މައްސަލަ ކޮމިޓީން ދިރާސާ ކުރުން ހިމެނެއެވެ.
އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލިގެ ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ހޯދާތާ މިއަދަށް 11 ދުވަސް ވެގެންދާއިރު ޖެންޑާ މިނިސްޓްރީ އަދި ފުލުހުންނަށް ވެސް އޭނާ ނުހޯދެއެވެ. ޝައިމް އަކީ 2009 ވަނަ އަހަރުން ފެށިގެން ޖެންޑާ މިނިސްޓްރީ އަށް އޭނާގެ އެކި މައްސަލަތައް ހުށަހެޅެމުންދާ ކުއްޖެކެވެ. އެގޮތުން، ދެފަހަރެއްގެ މަތިން ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ޝައިމް ގެންގުޅެފައި ވާއިރު، މިމަހު ތިން ވަނަ ދުވަހު އޭނާ ކުޑަކުދިންގެ ހިޔާއަށް ގެންދިޔައީ އޭނާ ކުށުގެ ވެހީގައި އުޅެމުން ދަނިކޮށެވެ. ނަމަވެސް، މިމަހު 18 ވަނަ ދުވަހު އޭނާ ވަނީ ކުޑަކުދިންގެ ހިޔާއިން ފިލައިގެން ގޮސްފައެވެ.