ދ. ކުޑަހުވަދުއަށް އައި ކޮޅިގަނޑެއްގައި، ވައިގަދަވުމުގެ ސަބަބުން، ގެއެއްގެ ފުރާޅު މައްޗަށް ފާރެއް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ، ކުޑަހުވަދޫގައި ހަދަމުންދާ ގެއެއްގެ ދެ ވަނަ ފަންގިފިލާގައި ރާނަމުންދިޔަ ފާރެއް، ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް ވެއްޓިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގީ، ރޭ ދަންވަރު ކުޑަހުވަދުއަށް އައި ކޮޅިގަނޑެއްގައި ވައި ގަދަވުމުގެ ސަބަބުން ކަމަށެވެ.

މި ހާދިސާގައި، ގެއެއްގެ ފުރާޅު މައްޗަށް ފާރެއް ވެއްޓުމުގެ ސަބަބުން، އެގޭގެ ފުރާޅު އަދި ސީލިންގް ވެއްޓި، ކޮޓަރި ތެރޭ ހުރި ފަރުނީޗަރުތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަހުވަދޫ ގެއެއްގެ ފުރާޅު މައްޗަށް ފާރެއް ވެއްޓުމުގެ ސަބަބުން، އެގޭގެ ފުރާޅު އަދި ސީލިންގް ވެއްޓި، ކޮޓަރި ތެރޭ ހުރި ފަރުނީޗަރުތަކަށް ގެއްލުން ވެފައި / ފޮޓޯ: ޕޮލިސް

މި ހާދިސާގައި ގެއްލުންވި ގޭގެ ކޮޓަރިތެރެ ސާފު ކުރުމުގައި އެގޭގެ މީހުންނަށް ފުލުހުން އެހީތެރިވެދީފައިވާއިރު، މި ހާދިސާގައި އެއްވެސް މީހެއްގެ އިހުމާލެއް ވޭތޯ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކަށް ބަލާލާއިރު، މިމަހު ކުރީކޮޅު، ރާއްޖެއަށް ކުރި ވިއްސާރައާއި ކޮޅިގަނޑުގައި ވައިގަދަވުމުގެ ސަބަބުން ހއ. އިހަވަންދޫ ކުނިގޮނޑު ސަރަހައްދުގައި ހުރި ހަރުގެއެއްގެ ފުރާޅު އަދި ހދ. މަކުނޫދޫ ދެގެއެއްގެ ފުރާޅު ވަނީ އެއްލާލާފައެވެ. މީގެ އިތުރުން ވައިގަދަވުމުގެ ސަބަބުން، މަކުނުދޫ ސްކޫލުގެ ފާރު މައްޗަށާއި މަގުމައްޗަށް ބޮޑު ގަހެއްވެސް ވެއްޓިފައިވާއިރު، މި މަހުގެ ހަތަަރުވަނަ ދުވަހު މާލެއަށް ވައިގަދަވެ ވިއްސާރަ ވުމުގެ ސަަބަބުން ބައި ދަނޑިޔަށް ވުރެ ތިރިއަށް ބޮޑު ދިދަ ވެސް ވަނީ ވެއްޓިފައެވެ.