ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް ކުރިމަތި ލެއްވުމަށްފަހު، އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު އޭނާގެ ނަން އަނބުރާ ގެންދަވައިފިއެވެ.

ވަކި ސަބަބެއް ހާމަނުކުރައްވައި، ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ އެންއައިސީގެ މެމްބަރުކަމަށް ވުމަށް އެދި ހުށަހަޅުއްވާފައިވާ ނަން އަނބުރާ ނަގަން ނިންމަވާފައިވާ ކަމަށެވެ.

މާނިއުގެ ނަން އަނބުރާ ނަންގަވާފައިވަނީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުން އިހުމާލު ވެފައިވާއިރު، އިންޓަގްރިޓީ ކޮމިޝަންގެ ރައީސަކަށް ހުންނެވިއިރު ތަހުގީގު ކޮށްފައިނުވާތީ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑިކިޔުން އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ.

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 24 ބޭފުޅަކު ކުރިމަތިލެއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އެ ފަރާތްތަކަށް މާކްސް ދީފައެވެ. އެގޮތުން، އެވަރެޖް މާކްސް 75 މާކްސްއަށްވުރެ މަތިން ލިބޭ ފަރާތްތަކަކީ ކޮމިޝަނަށް އައްޔަނުކުރަން އެކަށީގެންވާ ފަރާތްތައް ކަމަށް ކޮމިޓީން ނިންމާފައިވާ އިރު، އެ މިންވަރަށް މާކްސް ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ތެރޭގއި މާނިއުވެސް ހިމެނިވަޑައިގަންނަވައެވެ.

2017 ވަނަ އަހރުގެ ފަހުކޮޅު، މާނިއު އެންއައިސީގެ މެންބަރުކަމުން ވަކި ކުރި އިރު، އޭނާ ވަނީ އެ ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައެވެ. މާނިއު ފުރަތަމަ އެންއައިސީގެ މެންބަރު ކަމަށް އައްޔަނުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.