މި މަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲގެ މައްސަލައިގައި މިނިސްޓާ އޮފް ޖެންޑާ ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުން ބުނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ހަމަޖެހިފައިވަނީ މިރޭ 8:00 އިރު ކަމަށާއި މި ކޮމިޓީގެ ބައްދަލުވުމަށް ޝިދާތާ ހާޒިރުކުރަން ނިންމާފައިވާ ކަމަށެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމްގެ މައްސަލައާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓަރުގެ އަރިހުން މައުލޫމާތު ސާފުކުރެއްވުމާއި، މި މައްސަލަ ކޮމިޓީން ދިރާސާ ކުރުން ހިމެނެއެވެ.

އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލިގެ ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ހޯދާތާ މިއަދަށް 11 ދުވަސް ވެގެންދާއިރު ޖެންޑާ މިނިސްޓްރީ އަދި ފުލުހުންނަށް ވެސް އޭނާ ނުހޯދެއެވެ.

ޝައިމް އަކީ 2009 ވަނަ އަހަރުން ފެށިގެން ޖެންޑާ މިނިސްޓްރީ އަށް އޭނާގެ އެކި މައްސަލަތައް ހުށަހެޅެމުންދާ ކުއްޖެކެވެ. އެގޮތުން، ދެފަހަރެއްގެ މަތިން ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ޝައިމް ގެންގުޅެފައި ވާއިރު، މިމަހު ތިން ވަނަ ދުވަހު އޭނާ ކުޑަކުދިންގެ ހިޔާއަށް ގެންދިޔައީ އޭނާ ކުށުގެ ވެހީގައި އުޅެމުން ދަނިކޮށެވެ. ނަމަވެސް، މިމަހު 18 ވަނަ ދުވަހު އޭނާ ވަނީ ކުޑަކުދިންގެ ހިޔާއިން ފިލައިގެން ގޮސްފައެވެ.

ޝައިމް ގެއްލިގެން އުޅޭކަމުގެ ހަބަރުތައް ސޯޝަލް މީޑިއާގައި އާންމުވުމުން، ޝައިމް އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަން ޖެންޑާ މިިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ފަހުން، ޝައިމް ގެއްލުނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށާއި، އެ މިނިސްޓްރީގެ އިހުމާލުން ކަމަށް މިނިސްޓްރީން އެއްބަސްވިއެވެ.