ޕްލާސްޓިކް ކޮތަޅަކަށް ލުމަށްފަހު އެލާލާފައި އޮއްވާ، އެމެރިކާގެ ޖޯޖިއާއިން ފެނުނު ތުއްތު ކުއްޖާ އެޑޮޕްޓްކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ސަތޭކަ އާއިލާއަކުން އެދެމުން އަންނަ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

"އިންޑިއާ"ގެ ނަމުން ވަނަން ދީފައިވާ މި ތުއްތު ކުއްޖާ ފެނިފައިވަނީ މި ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. ބޭބީ އިންޑިއާ ފެނިފައިވަނީ، ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުއިވެމުންދާތީ އާންމު ރައްޔިތުންތަކެއް ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެ ހިންގި އޮޕަރޭޝަނެއްގައެވެ.

އެމެރިކާ ފުލުހުންވަނީ، މި އޮޕަރޭޝަންގައި ޕްލާސްޓިކް ކޮތަޅުގެ ތެރެއިން ތުއްތު ކުއްޖާ ނެގި މަންޒަރު ފެންނަ މަންޒަރު އާންމުކޮށްފައެވެ. މި މަންޒަރަކީ، ކޮތަޅު ހޯދި ފުލުސް މީހާގެ ބޮޑީކެމްއިން ނަގާފައިވާ މަންޒަރުތަކެކެވެ.

ބޭބީ އިންޑިއާ ކޮތަޅު ތެރޭގައި އޮތީ ފޫޅުދަނޑިވެސް ބުރިނުކޮށްކަމަށްވާއިރު، އޭނާ ފެނިފައިވަނީ ވިހޭތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ކަމަށް ބެލެވެއެވެ.

އެމެރިކާގެ ޖޯޖިއާއިން ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގައި އޮއްވާ ފެނުނު ބޭބީ އިންޑިއާ/ފޮޓޯ: ރޮއިޓާޒް

ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގައި ދިރިއޮއްވާ ފެނުނު ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ޑޮކްޓަރުން ބުނެފައިވާއިރު، މިހާރު އެކުއްޖާގެ ބަރުދަންވެސް އިތުރުވަމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ.

ބޭބީ އިންޑިއާ މިހާރު އެމެރިކާގައި ކުޑަކުދިން ބަލަހައްޓާ ރަސްމީ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ. އޭނާއަށް އެންމެ އެކަށީގެންވާ އާއިލާއެއް ފެންނަންދެކަށް ބޭބީ އިންޑިއާ އޮންނާނީ އެގޮތުގައެވެ.

ބޭބީ އިންޑިއާގެ މަންމައާއި ބައްޕަ އަދި ހޯދިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.