މީގެ ބައިގަރުނެއްހާ ދުވަސްކުރިން އިންސާނަކު ހަނދުގައި ފައިޖެއްސި ފުރަތަމަ މަންޒަރު ފެނިގެންދާ ވީޑިއޯ، އަންނަ މަހު ނީލަން ކިއުމަށް ނިންމައިފިއެވެ.
މި ޓޭޕް އޮތީ ނާސާގައި އިންޓާންއެއްގެ ގޮތުގައި ކުރި މަސައްކަތްކުރި މީހެއްގެ އަތުގައި ކަމަށްވާއިރު، މި ނީލަން ނިމޭއިރު އޭނާ މިނިލިއަނަރަކަށްވާނެކަމަށް ބެލެނެވެއެވެ. ނީލަން ކިއުމުގައި ހަރަކާތްތެރިވާ ސޮދަބީޒްއިން ބުނީ މި ޓޭޕަކީ، އިންސާނަކު ހަނދުގައި ފައިޖެއްސި މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖު އެކުލެވޭ އޮރިޖިނަލް ޓޭޕްތަކުގެ ތެރެއިން ބާކީ އޮތް ހަމައެކަނި ޓޭޕުކަމަށެވެ.
އެޕޯލޯ 11 މިޝަންގައި އިންސާނަކު އެންމެ ފުރަތަމަ ހަނދަށް ދިޔައީ 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. އެއަށްފަހު ވިދިގެން އައި އަހަރުތަކުގައި ހަރަދުކުޑަކުރުމުގެ ނަމުގައި ނާސާއިން ވަނީ އެދަތުރުގެ މަންޒަރުތައް ހުރި ޓޭޕުތަކުގެ މައްޗަށް އަލުން މަންޒަރުތައް ރެކޯޑްކުރުމާ ޓޭޕުތައް ވިއްކުން ފަދަ ކަންކަން ކޮށްފައެވެ. އެގޮތުން ސަރުކާރުން ބާކީވާ ތަކެތި ވިއްކި ނީލަމެއްގައި ނާސާއިން ވިއްކާލި 1100 ވުނަ ގިނަ ވީޑިއޯ ރީލް ގަތް އެކަކީ، މި ބުނާ ޓޭޕް އޮތް ގެރީ ޖޯޖްއެވެ. އޭރު އޭނާއަކީ ކޮލެޖުގައި ކިޔަވަމުންދިޔަ ދަރިވަރެކެވެ. އޭނާ މި ހުރިހާ ޓޭޕެއް ގަތީ އެންމެ 218 ޑޮލަރަށެވެ.
މިހާރު އުމުރުން 65 އަހަރު ފުރިފައިވާ ޖޯޖް ބުނީ އޭނާ އެޓޭޕުތައް ވިއްކަމުންދިޔައީ ޓީވީ ސްޓޭޝަންތަކަށް ކަމަށާ، އޭގައި މުހިންމު އެއްވެސް އެއްޗެއް ހުރެދާނެ ކަމަށް ކުރިން ހީވެފައި ނެތްކަމަށެވެ. ނަމަވެސް މީގެ ތެރޭގައި އަގުނުކުރެވޭ ވަރުގެ 3 ޓޭޕެއް އޮތް ކަމަށާ، އެއް ޓޭޕަކީ ނީލް އާމްސްޓްރޯންގް ހަނދުގައި ފުރަތަމަ ފަހަރަށް ފައިތިލަ ޖެއްސި މަންޒަރު ފެންނަ ޓޭޕުކަމަށް ޖޯޖް ބުނެއެވެ.
މި ޓޭޕުތައް ނީލަން ކިއުމަށްވެސް ނިންމާފައިވަނީ ޖުލައި 20 ވަނަ ދުވަހުއެވެ.
ނުސީދާ ގޮތުން ލިބިފައިވާ ބައެއް ޚަބަރުތަކަށް ބަލާއިރު، މި ޓޭޕުތައް ވިއްކާލަނީ ގާތްގަނޑަކަށް 2 މިލިއަނެއްހާ ޑޮލަރަށެވެ. އިންސާނަކު ހަނދުގައި ފުރަތަމަ ފަހަރަށް ފައިތިލަ ޖެއްސި މަންޒަރު ރެކޯޑްކުރި އޮރިޖިނަލް ޓޭޕްތައް ހޯދާ ނުފެނިފައިވާކަމަށް ނާސާއިން އިއުތިރާފުވީ 2006 ވަނަ އަހަރުއެވެ. ޖޯޖް ބުނާ ގޮތުގައި އޭނާ އަތުގައި އަގުނުކުރެވޭ ޓޭޕްތައްހުރިކަން އޭނާއަށް އެނގުނީ ވަރަށް ފަހުންނެވެ. އެއީ ވިއްކަމުން ގޮސް ބާކީ ހުރި ޓޭޕްތަކުގެ ތެރެއިން ޓޭޕްތަކެކެވެ.
ކުރިއަށް އޮތް ނީލަމާ ބެހޭ ގޮތުން ނާސާއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.